އެމްޑީޕީ މެމްބަރުންގެ މައްޗަށް ޝަރީއަތެއް ނުހިންގޭނެ
Posted by allaboutmaldives on September 30, 2012
ޢަބްދުﷲ ޙަމީދުގެ މައްޗަށް ޝަރީއަތް ކުރެވުނެވެ. އަލްގީނުގެ މައްސަލަވެސް ކޯޓުތަކުން ބެލި އެވެ. މައުމޫނު އުފުއްލެވި ދަޢުވާ ސާބިތު ނުވާ ކަމަށް ނިންމީ ވެސް ހަމަ އެ ކޯޓުތަކުންނެވެ. އެހެނަސް އެމްޑީޕީ އާ ޖެހުމުން އެމްޑީޕީގެ ރޫހީ ލީޑަރ ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތް ވެސް ކޯޓުތަކުން ބެލޭކަށް ނެތެވެ. އެމްޑީޕީން ކޯޓުތައް ގަބޫލު ނުކުރާތީއެވެ. ނަޝީދުގެ ވެރިކަމުގައި މިނިސަޓަރ ކަން ކުރެއްވި އަސްލަމް އިއުލާން ކުރެއްވި ގޮތުގައި އެމީހުން ދިވެހި ރާއްޖޭގެ ކޯޓް ތައް ގަބޫލެއް ނުކުރެއެވެ. އެހެން ކަމުން އެމީހުންގެ މައްޗަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ހިންގިގެން ނުވަނެއެވެ. ސުވާލަކީ ޑްރަގް ވިއްކަމުން މަގުމަތީގައި ހިނގާ މީހާ ދިވެހި ރާއްޖޭގެ ކޯޓު ތައް ގަބޫލު ކުރޭ ބާވއެވެ. ނޫނެކެވެ. އޭނާޔަށް ވެސް ތިމަންނަ ތިޔަ ކޯޓެއް ގަބޫލެއް ނުކުރަމޭ ބުނެވި ދާނެއެވެ. އެމްޑީޕީއަށް އެއްގޮތެއް އެހެން މީހުނަށް އެހެން ގޮތެއް އޮވެގެން ނުވާނެއެވެ.
ހަމަ މިބާވަތުގެ އެހެން ވާހަކައެކެވެ. އެމްޑީޕީގެ އެންމެ އިސް ގާނޫނީ ވަކީލަކު ދާދި ފަހުން ގާޒީންނާ ބެހޭ ގޮތުން އުފުއްލެވި ދައުވާއެކެވެ. ދައުވާގައި ވާގޮތުންނަމަ ދިވެހި ރާއްޖޭގެ ކޯޓް ތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ސޮއިކުރަން ޖެހޭ ލިއުމުގައި އޭނާ ސޮއި ކުރައްވާކަށް ބޭނުން ފުޅެއް ނޫނެވެ. ސަބަބަކީ އެ ގަވާއިދު އޭނާ ގަބޫލު ފުޅު ނުކުރައްވާތީއެވެ. އެހެން ކަމުން އޭނާ ދެކިވަދައިގަންނަވާ ގޮތުގައި އެ އެއްބސް ވުމުގައި ސޮއި ނުކޮށް ވެސް އޭނާޔަށް ކޯޓު ތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބެން ވާނެއެވެ. މިވާހަކަ އަޑު އަހާފައި ހޭންވީ ހެއްޔެވެ. ނުވަތަ ދެރަވާން ވީ ހެއްޔެވެ.
އާދައިގެ މަތިން މިބާވަތުގެ ވާހަކަ ދެއްކެވުމުގައި ވެސް އެންމެ ކުރިގައި އުޅުއްވަނީ އެމްޑީޕީގެ އިސް ލީޑަރ ނަޝީދެވެ. އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރު ފުޅު ނިންމަވާލެއްވުމަށް ފަހު ނޫސް ވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި އޭނާގެ މައްސަލަ ބެލޭނެ ގޮތެއް ނޯންނާނެއެވެ. ސަބަބަކީ އެފަދަ މައްސަލައެއް ބަލާނަމަ އެއީ ސިޔާސީ ގޮތުން ދިމާކުރުން ކަމުގައި ބޭރުގެ ފަރާތްތަކުން ދެކޭނެތީއެވެ. އެހެން ކަމުން ރައީސް ނަޝީދާއި އެމްޑީޕީގެ މެމްބަރުން ކޮންމެ ފަދަ ކުށެއް ކުރި ކަމުގައި ވިޔަސް އެމީހުންނާ ދޭތެރޭ ޝަރީއަތެއް ހިންގޭކަށް ނެތެވެ. އެމީހުން ބޭނުން ކަމެއް ކުރަންވީއެވެ. ތަންތާގައި ހުޅު ޖަހާ އާންމުންނަށް އުނަދަގޫ ކުރަމުން ހަތަރުދަމު މަގުމަތީގައި ހިނގިޔަސް ހެވެވެ.