ތުނޑުހަސަނާ ޖެހުނު މީދާ : ދިވެހިންނަށް ފާވި ޖީ އެމް އާރ
Posted by allaboutmaldives on February 6, 2012
ރައީސް ނަޝީދު ވެރިކަމުގެ ކުރީ ކޮޅު ރާއްޖެ ޒިޔާރަތް ކުރި އިންޑިޔާގެ ނޫސްވެރިޔަކު އެގައުމުގެ ނޫހެއް ކަމުގައިވާ އޭޝިއަން އޭޖް ގައި ލިޔުނެވެ. ދިވެހި ރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީއާ، މިވަގުތު ހަވާލު ވެފައި އޮތް އެންމެ ބޮޑު ޒިންމާ އަކީ ރާއްޖޭގެ މައި އެއާޕޯޓްގެ ކޮންޓްރޯލް އިންޑިޔާގެ ކުންފުންޏަކަށް ހޯދައި ދިނުމެވެ. އެއީ ޖީއެމް އާރަށް ދިވެހި ރާއްޖޭގެ ބައިނަލް އަގުވަމީ އެއާޕޯޓް ވިއްކާލުމުގެ ވާހަކަ ދެކެވެމުން ދިޔަ ދުވަސްވަރެ. މާގިނަ ދުވަހެއް ނުވަނީސް ސަރުކާރުން ވަނީ އެއާޕޯޓް ޖީއެމް އާރަށްދީފައެވެ. ދެމެދުގައި ވެވުނު އެއްބަސްވުމުގެ ތަފުސީލެއް ވެސް ބަޔަކަށް ނޭނގޭނޭ ހެން ސިއްރު ކޮށްފައެވެ
.
ޖީއެމް އާރ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާ ހަވާލު ވުމާ އެކު ސަރުކާރާ އިދި ކޮޅު ފަރާތް ތަކުން ގެންދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެއީ ރައްޔިތުންގެ މަޖިލިސްގެ ބާރު އިދި ކޮޅު ފަރާތްތަކަށް ބުރަވެފައި އޮތް ދުވަސްވަރެއް ކަމުން މަޖިލިސް ގެ ތެރެއިން ސަރުކާރަށް ކުރަންފެށި ޕރެޝަރުން ސަލާމަތް ވުމަށްޓަކައި ސަރުކާރަށް ޖީ އެމް އާރުން އެހީވި މަންޒަރު ފެނިގެން ދިޔައެވެ. އެގޮތުން ޑީ އާރޕީގެ ތޮއްޑޫ އަލީ ވަހީދާއެކު ބޮޑު އަގުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަކެއް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީން ގަތެވެ. މި ވިޔަފާރިޔަށް ޚަރަދު ކުރީ ސީދާ ޖީއެމް އާރުންނެވެ. ދިވެހި ރާއްޖޭގައި އެމީހުން ކުރަމުން ގެންދާ ވިޔަފާރީގެ މުޢާމަލާތް ތަކަށް ސަރުކާރަށް އަންނާނެ ޕްރެޝަރ ކުޑަކުރުމަކީ އެމީހުން މި ޚަރަދު ކުރުމުގެ މައިގަނޑު މަގުސަދެވެ.
އަވަސް އަރުވާލައިގެން ނަޝީދުގެ ސަރުކާރުން ޖީއެމް އާރާ ދިވެހި ރާއްޖޭގެ މައި އެއާޕޯޓު ހަވާލު ކުރުމާއެކު މައްސަލައަކަށް ފަހު މައްސަލައެއް ދިޔައީ ފެންމަތި ވަމުންނެވެ. އެންމެ ފުރަތަމަ ވެސް އެންމެ ގަދަޔަށް ދެކެވުނު ވަހަކަޔަކީ އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ނަގަން ނިންމި 25 ޑޮލަރުގެ މައްސަލައެވެ. މި ފައިސާ އަކީ ނެގިގެން ވާނެ ފައިސާ އަކީ ނެގިގެން ވަނެ ފައިސާ އެއް ނޫން ކަމުގައި ކަމާ ބެހޭ ބައިނަލް އަގުވާމީ ފަރާތްތަކުން ގޮވާލަމުން ދަނިކޮށް އެއަޑު އެހުމެއް ނެތި 25 ޑޮލަރ ނެގުމަށް ކުން ފުނިން ނިންމިއެވެ. މިހިސާބުން މައްސަލަ ޝަރީއަތަށް ގޮސް އެފައިސާ ނުނެގޭނެ ކަމަށް ކޯޓުން ހުކުމް ކުރި އެވެ. މި ހުކުމް ވީ ރައީސް ނަޝީދުގެ ބޮލަށް އޮއްސާލި ހޫނު ފެން އެއްޗަކަށެވެ. އެހެން ކަމުން އެ މައްސަލަ ހައްލު ކޮށް ދެއްވާނެ ކަމުގެ ޔަގީން ކަން ޖީއެމް އާރަށް އެމަނިކުފާނު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސްގެން އެމައްސަލަ ހައްލު ކޮށްލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމުގައެވެ. އެހެނަސް ރައީސް ނަޝީދު ހީފުޅު ކުރެއްވިހާ ފަސޭހައިން މައްސަލަ ހައްލު ނުވެ ޖީއެމްއާރުން ދިވެހި ސަރުކާރަށް ދައްކަން ޖެހޭ ކުލިން 25 ޑޮލަރުގެ ފއިސާ އުނި ކުރަން އެ ކުންފުނިން ނިންމައި އެގޮތަށް ޢަމަލު ކުރަން ފެށިއެވެ. ނަތީޖާ އަކީ އެއާޕޯޓުގެ ކުލީގެ ބޮޑު ބައެއް ސަރުކާރަށް ނުލިބި ގެއްލުން ވުމެވެ. ހަމަ މިއާއެކު އެއާޕޯޓުގައި ޒަމާނުއްސުރެ ވިޔަފަރިކުރަމުން ގެންދިޔަ ދިވެހި ޑިޔުޓީ ފްރީ ޝޮޕްތައް ބަންދުކޮށް އެ ވިޔަފާރި ތަކަށް ޖީއެމްއާރ ވެރިވުމަކީ ވެސް ގިނަ ބައެއްގެ ހިތުގައި ނުތަނަވަސް ކަން އުފެދުނު ކަމެކެވެ.
ފަސިންޖަރުން ގެ އަތުން ނަގަން ނިންމި 25 ޑޮލަރުގެ ސާވިސް ޗާޖާ، ޑިއުޓީ ފްރީ ޝޮޕް ތަކަށް ވެރިވެގަތް ގޮތުގެ ތަސައްވަރު ދިވެހިންގެ ލޯމަތީގައި ސާފު ކޮށް ފެންނަން ހުއްޓާ ރިހޭ ފައި މައްޗަށް ވައްޓާލި ފޮޔެއް ހެން އިވުނީ އެއާޕޯޓުން އެއާ ލައިން ތަކަށް ދޭ ޚިދުމަތުގެ އަގު 51 ޕަސެންޓަށް ބޮޑު ކުރި ވާހަކައެވެ. މިއާއެކު ގަޠަރު އެއާވޭސް އާއި ސްރީލަންކަން ރާއްޖެއަށް ކުރާދަތުރު ހުއްޓާލާ ވާހަކަ އިއުލާން ކުރުން ވީ ދިވެހިންގެ އިގުތިސާދާ މެދު ކުޑަ ކޮށް ވެސް ކުލުނެއް ހުރި މީހަކަށް އަޑުއަހަން ފަސޭހަ ޢަޑަކަށް ނޫނެވެ. ރިސޯޓު ތަކަށް ގެންނަ މައިގަނޑު ދެ އެއާލައިންގެ ދަތުރު ތައް ދިވެހިރައްޖެއާ ޔޫރަޕާ ދެމެދު ކުރުން ހުއްޓާލުމުން އުފެދޭނެ އިގުތިސާދީ މައްސަލަ ދިވެހިންގެ ތެރެއިން އެކަކަށް ވެސް އޮޅިފައެއް ނޯންނާނެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ ޖީއެމް އާރުން މިފަދަ ނޭދެވޭ އަމަލެއް ކުރުމުގެ ބޭނުމަކީ ކޮބައިބާވައެވެ.
މި ލިޔުން ފަށަމުން އިޝާތް ކުރި ލިއުމަށް ވިސްނާ ލުމުން ވެސް އެނގޭ ގޮތުގައި އިންޑިޔާ ސަރުކާރުން ދިވެހި ރާއްޖޭގެ އެއާޕޯޓް ތައް ކޮންޓްރޯލް ކުރްން ވަރަށް ބޭނުން ވެއެވެ. ދިވެހި ރާއްޖެއަކީ އިންޑިޔާގެ ބައެއްގެ ގޮތުގައި އޮތުމަށް އިންޑިޔާ ޒަމާނުއްދުރެ ދެކެމުން އަންނަ ހުވަފެން ހަގީގަތަ ތަށް ނުވެ ދެކުނު އޭޝިޔާގެ އެންމެ ބާރަށް ތަރައްގީ ވަމުން އަންނަ ގައުމަކީ ދިވެހި ރާއްޖެ ކަމުގައި ވުމަކީ އިންޑިޔާ ސަރުކާރުން އެކަމަކާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަމުން އައި ކަމެކެކެވެ. ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން ވެރިކަން ކުރެއްވި ދެ ބޭފުޅުންނަކީ ވެސް ނުހަނު ޝަޚުސިއްޔަތު ހުންނެވި ބައިނަލް އަގުވަމީ އިހުތިރާމާއި ގަދަރު ލިބި ވޑައިގެން ތިއްބެވި ދެ ބޭފުޅުން ކަމުގައި ވުމީ އިންޑިޔާ އަށް ރާއްޖެއާ ނުބެހި އޮންނަން މަޖުބޫރު ވި ސަބަބެވެ. ދަނޑި ވަޅަކަށް ބަލަބަލާ އޮތް އިންޑިޔާ އިން މިއަދުގެ ރައީސް ގެ ނުކުޅެދުންތެރި ކަމުގެ ފައިދާނަގައި ރާއްޖެ އިންޑިޔާގެ ބާރުގެ ދަށަށް ނުސީދާ ކޮށް ގެންދަން ފިޔަވަޅު އެޅުމަށް އެންމެ ސިކުންތެއް ވެސް ފަހެއް ނުކުރިއެވެ. ޖީއެމް އާރަކީ މިކަމަށް އިންޑިޔާ ސަރުކާރުން ބޭނުން ކުރި ހަތިޔާރެކެވެ.
މިދުވަސްވަރަކީ އިންޑިޔާ ސަރުކާރުން ލަކްޝަދީޕްގައި ޓުއަރިޒަމް ފުޅާ ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދީފައިވާ ދުވަސްވަރެކެވެ. މިކަމުގައި އެމީހުނަށް އޮތް އެންމެ ބޮޑު ހުރަހަކީ ޖަޒީރާ ޓުއަރިޒަމް ގައި ރާއްޖެއަށް ލިބިފައި އޮތް މަޝްހޫރުކަމެވެ. އެހެން ކަމުން ކޮންމެ ފަދަ ގޮތަކުން ވެސް ރާއްޖެގެ ޓޫރިޒަމް ހީނަރު ކޮށްލުމަކީ އެމީހުންގެ މަގުސަދެވެ. މިކަމަކުން ޖީއެމް އާރަށް މާ ބޮޑު ގެއްލުމެއް ނެތި ފައިދާޔާ އެކު އެއާޕޯޓު ހިނގޭއިރު ރާއްޖޭގެ ބަދަލުގައި ހައިދަރއާބާދު ޖީއެމް އާރަށް ޓޫރިސްޓުން ބަދަލު ކޮށްލުމަކީ ޖީއެމް އާރާ އިންޑިޔާ ސަރުކާރުގެ މަގުސަދެވެ. އެހިސާބުން ރާއްޖެ އަންނަޓޫރިސްޓުން އިންޑިޔާގެ ދެކުނުން އޮންނަ ލަކްޝަދީޕްގެ ރަކަށް ދިޔުމަކީ އެމީހުންގެ އެންމެ ބޮޑު އުންމީދެވެ. މި ދެންނެވި ސަބަބު ތަކަށްޓަކައި ޖީއެމް އާރުން ދިވެހި ރާއްޖޭގެ އެއާޕޯޓުގެ ޚިދުމަތުގެ ފެންވަރު ދަށްކޮށް ގައުމުގެ އިގުތިސާދުގެ ލޭނާރުގެ ވިންދު ކަނޑުވާލަމުން ދާއިރު ރައީސް ނަޝީދު ހުންނެވީ އިންޑިޔާ ސަރުކާރާ ޖީއެމްއާރާ އެމްޑީޕީ އާ ދިވެހި ރައްޔިތުން ގެ މެދުގައި ރީތި ކޮށް ތާށި ވެފައެވެ.
އެއްކޮޅުގައި ޖީއެމް އާރާއި އިންޑިޔާ ސަރުކާރާ އެމްޑީޕީއެވެ. އަނެއްކޮޅުގައި ދިވެހި ރައްޔިތުންނެވެ. ކޮންމެ ގޮތެއް ވިޔަސް ޖީއެމް އާރުގެ ވަކި ތަކުން ސަލާމަތް ވުމަކީ އެމަނިކުފާނަށް ކުރެއްވެވެން އޮތް ކަމެއް ނޫނެވެ. އެހެން ކަމުން އޮތް ގޮތަކީ ދިވެހި ރާއްޖޭގެ އިގުތިސަދާއި ދިވެހި ރައްޔިތުންގެ ފަޚުރާޝަރަފު ވެއްޔާ މޮޑެލުމަށް ފަހު ޖީއެމް އާރު ބޭނުން ވާ ކަންތަކަށް މަގު ފަހި ކޮށް ދިނުމެވެ. އެމަނިކުފާނު ދެކެ ވަޑައިގެންނެވި ގޮތުގައި މިކަން ވާން އޮތް ގޮތަކީ ރާއްޖޭގެ ކޯޓުތަކަށް ބިރު ދައްކައިގެން ގާޒީން ލައްވައި އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތަކަށް ހުކުމް ތައް ކުރުވުމެވެ. ޖީއެމް އާރާ ބެހޭގޮތުން އުފެދިފައިވާ ގާނޫނީ މައްސަލަ ތައް ހައްލު ކުރުމަށް އެނޫން ގޮތެއް އެމަނިކުފާނަކަށް ވިސްނި ވަޑައެއް ނުގެންނެވިއެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރު ކުރެއްވީއެވެ. އަންދާލެވުނު ފަނޑިޔަރެއްގެ ވަހަކަ ހަނދާން ކޮށްދެމުން ރައީސް ވިދާޅުވާ ގޮތް ނޫން އެހެންގޮތަކަށް ހުކުމް ކުރާ މީހުނަށް ލިބިދާނެ ނުރައްކާތެރި ޢަދަބުގެ އިންޒާރު ވެސް ކުރައްވަނީއެވެ. މިހުރިހާ ކަމެއް ގުޅިފައި ވަނީ ޖީއެމް އާރާއެވެ. ޖީއެމް އާރު އޮތީ ދިވެހި ރާއްޖެއިން ދާ ގޮތަކަށް ނޫނެވެ. އަނެއްކޮޅުން ނަޝީދު ވިދާޅުވާ ގޮތަށް ހުކުމް ކުރާނެ ގާޒީ އަކު ދިވެހި އުޑު ދަށަކުން ނުވާނެއެވެ. ކުރިމަގަށް ބަލާލުމުން ފެންނަން އޮތީ ބިރުވެރިކަމެވެ. ތުނޑު ހަސަނާ ޖެހުނު މީދާހެން ދިވެހިން ނަށް މިވަނީ ޖީއެމް އާރ ފާކުރައްވަފައެވެ.
gaume ney said
please.. do something to get ride of this .. We are trapped and suffocating..