All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް

އަހަރެންގެ ޙަޔާތުން ދުވަހެއް: ފުވައްމުލަކު ދޫނޑިގަމު 13 މީހުން ޝާރީޢަތަކާ ނުލައި ޖަލަށް ލި ހެންވޭރު ޝަފީގުގެ އަހުމަދު ޝަފީގުގެ ވާހަކަ

Posted by allaboutmaldives on October 12, 2010

އަބްދުﷲ ސަމީރު

ފުވައްމުލަކު ދޫނޑިގަމު ލައިޓް ޢަބްދުލް ހަމީދު އަލި ދީދީ، ޕިޔާނާގެ ހަސަން ދީދީ ވަސީމީގެ މުހަންމަދު ދީދި، އާރާމުގެ ޢަބުދުﷲ ދީދީ، ސޭޑީ ވިލާ އިސްމާއީލް ދީދީ ވެލްކަމްވިލާ އިބްރާހިމް ޝަފީގް، ބަނބުކެޔޮ ގަސްދޮށުގޭ ޢަބްދުﷲ ދީދީ،އެދުރުގޭ ވަޙީދު ޑޭލައިޓުވިލާ ހުސޭން ދީދީ، ހީރާގޭ އިބްރާހިމް ދީދީ ހިމެނޭ ގޮތުން 13 މީހުން އެއްވެސް ޝަރީއަތެއް ކުރުމެއް ނެތި ގެންގޮސް ޖަލަށް ލައިފިއޭ ބުނުމުން ރަށާ ބެހޭ ގޮތުން ކުޑަކޮށް ވެސް މަޢުލޫމާތެއް ހުރި މީހެއްނަމަ އެމީހަކަށް ލިބިގެންދާނީ ކުއްލި ހައިރާން ކަމެކެވެ. ގަބޫލު ކުރަން ދަތި ވާނެއެވެ. ސަބަބަކީ މިދެންނެވި މީސް މީހުންނަކީ ފުވައްމުލަކު ދޫނޑިގަމުގެ އޭރު ވެސް މިހާރު ވެސް ޝަރަފުވެރި އިއްޒަތް ތެރިން ކަމެވެ. އެހެން ނަމަ ވެސް މިއީ ހިނގައިފައި ވާ ހާދިސާ އެކެވެ.މިހާދިސާ ހިންގެވީ ހ. ޝަފީގުގޭ ޝަފީގު ފުވައްމުލަކު އަތޮޅު އޮފީހާ ހަވާލު ވެ ވަޑައިގެން ހުން ނެވި ދުވަސް ވަރު އެ މަނިކުފާނެވެ.

އެއީ 1976 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދުވަހެކެވެ. އާދައިގެ މަތިން ސްކޫލަށް ދިއުމަށްޓަކައި  ގެއިން ނިކުމެގެން ހިނގައި ގަތީމެވެ. ވަކި ހިސާބަކަށް ދެވުނު އިރު މަގުމަތީން އާދަޔާ ޚިލާފަށް މީހުން ގިނަ ވާ ކަން ފާހަގަ ވިއެވެ. ދޫނޑިގަމު ބޮޑުފަންނު މަގުން މަޝްހޫރު ހަތަރު އަނގޮޅި އާ ހަމަ ވި އިރު މުޅި އެ ހިސާބު އޮތީ މީސްތަކުން ފުރި ބާރު ވެފައެވެ. އުމުރުން ވަރަށް ހަގު ކަމުން އެތާ ތިބި މީހުން ކުރެން ވެގެން އުޅެނީ ކިހިނެއްތޯ އަހާލާކަށް ނުކެރުނެވެ. އެހެން ކަމުން މީހުން ދައްކަމުން ދިޔަ ވާހަކަ ތަކަށް ސަމާލުކަން ދިނީމެވެ. ހައިރާން ވާފަދަ ގޮތަކަށް ލިބުނު ޚަބަރަކީ ޢަބްދުލް ހަމީދު އަލިދީދީ އަތޮޅު އޮފީހަށް ގެން ގޮސް ބަންދު ކުރި ވާހަކައެވެ.

ޙަމީދަކީ  މެދު ނުކެނޑި ހިނގަމުން ދާތާ ތިރީސް ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާ ފުވައްމުލަކު ސްކޫލުގެ ބާނީއެވެ. ރާއްޖެ ތެރޭގައި އެކަށީގެން ވާ ތައުލީމެއްދެވޭނެ ނިޒާމެއް ގާއިމު ވެފައި ނެތް އެ ދުވަސް ވަރު ޒަމާނީ ތައުލިމަށް މަގު ފަހި ކޮށް ދެއްވަމުން ހަމީދު ކިޔަވައި ދެއްވަމުން ގެންދެވި ސްކޫލަކީ ދޫނޑިގަން އަވަށުގެ ހުރިހާ ކުދިންނާއި ފުނާޑާއި މާލެގަމުގެ ގިނަ އަދަދެއްގެ ކުދި ބަޔަކު ކިޔަވަމުން ދިޔަ ސްކޫލެކެވެ. މީގެ އިތުރުން އައްޑު އަތޮޅުގެ ކުދިން ވެސް އޭރު އެ ސްކޫލުން ތައުލީމު ހާސިލް ކުރަމުން ގެންދިޔައެވެ. އެހެން ކަމުން ހަމީދަކީ ދޫނޑިގަމު އަވަށު ރައްޔިތުންގެ ހިތުގައި އާދަޔާ ޚިލާފު ލޯތްބަކާ ގަދަރެއް ދެވިފައި ވާ މުލި ރަށުގެ ރައްޔިތުން ގެ މެދުގައި މަގުބޫލު ޝަޚުސިއްޔަތެކެވެ. އަވަށު އެންމެ ން މަގު މައްޗަށް ނިކުންނަން ޖެހުނު ސަބަބަކީ އެއީ އެވެ.

ކައިރީގައި ތިބި މީހުންގެ ވާހަކައިން އެނގުނު ގޮތުގައި ހަމީދު ވަނީ ކުޑައިރު ކޮޅެއް ކުރިން އަތޮޅު ގެއަށް ގެން ގޮސް ބަންދު ކޮށްފައެވެ. އަތޮޅު އޮފީސް ހިންގެވުމާ ހަވާލު ވެ ވަޑައިގެން ހުންނެވި ހެނވޭރު ޝަފީގުގެ ޝަފީގުގެ އެންގެވުމަކަށް އަތޮޅު އޮފީހުގެ ދެ މުވައްޒަފަކު ވަޑައިގެން ފުވައްމުލަކު ސްކޫލުގައި ހުރި ހަމަ އެކަނި މޭޒު، އަތޮޅު އޮފީހަށް ގެންދިޔުމުގެ ހަރަކާތް އޭރު ދިޔައީ ކުރިޔަށެވެ. އިންޖީނު ލީ އެއްޗެތި އާންމު ދުވަސް ވަރެއް ނޫން ކަމުން މެދެގެ ދަރު އިބްރާހިމް ރަޝީދާއި ކަންމަތީގޭ ނުއުމާނާއި ދެބޭފުޅުން ފައިމަގުގައި ހިންގަވާފައި ބައިގަޑި އެއްހާ އިރުގެ ދަތުރަކަށް ފަހު އެފް އެސް ގައި ހުންނަ ހަމީދު ބޭނުން ކުރައްވާ މޭޒު ކޮނޑަށް ލައިގެން ގެންދަވަނީއެވެ. ސްކޫލުގެ ހުރިހާ ބޮޑެތި ކުދިން އެމީހުންގެ ފަހަތުން ދިޔައެވެ. އެމީހުނާ އެކު އަވަށުގެ ޒުވާން ފުރައިގެ ގިނަ ބަޔަކު ވެސް ދިޔަ އެވެ. އެންމެ ފަހުން ދޫނޑިގަމު މަގިވަޑޮދޮރާ ހަމަޔަށް މޭޒު ގެންދެވުނު ތަނާ މަޝްހޫރު ނަމުންނަމަ ފަނޑިޔައްދަޑު މުހަންމަދު އިސް ވެ ހުރެ މޭޒުގެ އެއްފައިގައި ހިފާ ދަމައިގަތް ގަތީނުން މޭޒު އެމީހުން އަތުން ޖަހައި ގަނެގެން ގެން ގޮސް ފިއެވެ.

އަޑު އަހާ މީހަކު ކުރާނެ ސުވާލަކީ މޭޒު އަތޮޅު އޮފީހަށް ގެންދަން ޖެހުނީ ކީއްވެ ބާވައެވެ. އަތޮޅު އޮފީސް ހިންގެވުމާ ހަވާލު ވެ ހުންނެވި ހ. ޝަފީގުގެ ޝަފީގަށް އެނގި ވަޑައި ގެންނެވި ގޮތަކަށް އެނގި ވަޑައިގަތް ގޮތުގައި އޭނަގެ ޝަކުވާ ކޮށް ފުވައްމުލަކު ދޫނޑިގަމު ރައްޔިތުން ސަރުކާރަށް ސިޓީ ތަކެއް ފޮނުވަން އުޅެނީ އެވެ. މިސިޓިތައް ލިޔާ ފަރާތަކީ އަބްދުލް ހަމީދު ކަމުގައި ވެސް އޭނާޔަށް ޝައްކު ވީއެވެ. ހަމީދު ގެންގޮސް ބަންދު ކުރަން ޖެހުނު ސަބަބަކީ އެއީ އެވެ. މޭޒު ގެންދަން ޖެހުނު ސަބަބަކީ މިލިޔާ ސިޓީ ތައް މޭޒުގެ ވަތްގަނޑުގައި ހުރެދާނެ ކަމަށް ބަލާފައެވެ. އެހެން ނަމަވެސް ފުވައްމުލަކު ސްކޫލުގެ ކިޔެވުން ކުރިޔަށް ގެންދިއުމަށް އެހީ އެއްގެގޮތުން ސްކޫލުގެ މުދައްރިސް ބޭނުން ކުރެއްވުމަށްޓަކައި މަގިވަޑޮދޮރު އަލި ދީދީ ހަދިޔާ ކުރައްވާފައި ހުންނަ މިމޭޒުގެ މެދުގައި ހުންނަ ކުޑަ ކުޑަ ވަތްގަނޑު ގައި ތަޅެއް ވެސް ނުހުރެއެވެ. އޭގައި އާންމު ގޮތެއްގައި އޮންނާނީ ފަތިގަނޑެއް ނުވަތަ ޗޯކް ކޮޅެއް ފަދަ އެއްޗެކެވެ.

ކޮންމެއަކަސް މޭޒު ނުގެންދެވުމުން ދެން އަވަށުގެ ހަރު ކުލައިގެ ފިރިހެނުން ފަހަރަކު މީހަކު އަތޮޅު ގެއަށް ގެންގޮސް ރަށުގެ އަނެއް ކޮޅުން އެކި ގޭގޭގައި އެކި މީހުން ބަންދުކޮށް އަރުވާ ލިއެވެ. ހަމީދު ބަންދު ކުރީ ދަޑިމަގު އަވަށު  އާބާދުގޭގައެވެ.

މިގޮތަށް ހައެއްކަ ދުވަހު ބަންދުގައި ބޭތިއްބުމަށް ފަހު މާލެ ގެންގޮސް އެއްވެސް ސުވާލެއް ވެސް ނުކޮށް ޖަލުގައި ބަންދު ކޮށްފައި ހަތަރު މަސް ދުވަސް ވަންދެން ބޭތިއްބިއެވެ.

އަނިޔާ ވެރިކަން ހައްދު ފަހަނަޅާފަދަ ގޮތަކަށް ޝަފީގުގެ ޝަފީގު މި އަމަލު ހިންގެވީ ކީއްވެގެންތޯ ބަލާލާ އިރު  ހާމަ ވެގެން ދަނީ އިންސާނެއްގެ ކިބައިގައި ހުރި ދެފުށް ދެގޮތް ކަމާއި އަނިޔާ ވެރި ކަމުގެ ހައްދު ފަހަނަޅާފައިވާ ސިފައެވެ.

ހ. ޝަފީގުގެ  އަހުމަދު ޝަފީގަކީ ތިމާވެށްޓަށް ވެސް މާ ބޮޑު ލޯތްބެއް ކުރައްވާ ކަމަށް ދައްކަވައިގެން އުޅުއްވާ ބޭފުޅެކެވެ. އެގޮތުން ދޫނި ސޫފާ ސޫތްޕާ ބެހޭ މައުލޫމާތު އެއްކުރައް ވައި ލިޔުއްވައި ހައްދަވައެވެ. ފުވައްމުލަކު އަތޮޅު އޮފީސް ހިންގެވުމާ ހަވާލުވެގެން ހުންނެވި ދެއަހަރެއްހާ ދުވަހު ކުރެއްވި ކަމަކީ އަތޮޅު އޮފީހުގެ މުވައްޒަފުން ލައްވައި އަތޮޅުގޭ ގޯތިތެރޭގެ ބައެއްގައި ފަސްގަނޑު ޖައްސުވައިގެން އެތަނުގައި އަލަގަސް ހެއްދުމެވެ. މިއީ އެމަނިކުފާނުގެ ތިމާވެއްޓާ ބެހޭ ދިރާސާގެ ބައެކެވެ. މި ގަސްތައް ހެދެނީ ކިހާ ވަރަކުން ތޯއާއި އަލަ ފައިބަނީ ކިތައް މަހުން ތޯ އާއި މިބާވަތުގެ ދިރާސާތައް ގެންދެވީ ކުރައްވަމުންނެވެ. މިގޮތަށް ވެރިކަން ކުރައްވަމުން ގެންދެވި ގެންދެވުމުގައި މީނާ ކުރެއްވި އާދަޔާ ޚިލާފު ޢަމަލެއް ވެގެން ދިޔައީ ރަށުގެ ދޫނޑިގަމު ރައްޔިތުންނަށް ބަލައިގަންނަން ވަރަށް އުނދަގޫވި ޢަމަލަކަށެވެ. އެއީ ދޫނޑިގަމު އަވަށުގެ “ވާ ކޮށުމުގެ ހުއްދަ” (ކެއްކުމަށް ބޭނުން ކުރުމަށް ދަރުގެ ގޮތުގައި ރޯގަސް ކޮށުމުގެ ހުއްދަ) ޝަފީގުގެ ސިޓީ އަކުން ބޭރު އަވަށުގެ މީސް މީހުނަށް ދެއްވުމެވެ. ޒަމާނުއްސުރެ ރަށުގެ ރައްޔިތުންގެ ކެއްކުމަށްޓަކައި ބޭނުންވާ ދަރު ހޮވަނީ ރަށުގެ އެކި އަވަށް ތަކުގައި އޮންނަ ބީވާ ތަކުންނެވެ. މި ތަން ތަނުން ހިކި ދަރު ބޭނުން ވަރަކަށް ލިބެން އޭރު އޮވެއެވެ. ރަށަކީ ވަކިން އޮތް އެންމެ ރަށަކަށް ވެފައި ރޯގަސް އެގޮތަށް ކޮށަން ފަށައިފިނަމަ ދުވަސް ކޮޅަކުން ކައްކަން ބޭނުން ކކުރާނެ ދަރު ލިބުން ހުއްޓި ދާނެ ކަން ރަށުގެ ރައްޔިތުންނަށް އެނގުނު ކަމުގައި ވިޔަސް މާލެއިން ވަޑައިގެން ހުންނެވި ޝަފީގަކަށް މިކަމެއް ވިސްނި ވަޑައެއް ނުގެންނެވިއެވެ. ނަތިޖާއަކަށް ވީ ދޫނޑިގަމުގެ ރައްޔިތުން ގެ ނުރުހުން ޝަފީގަށް އަމާޒު ވުމެވެ. މި މައްސަލާގައި ދޫނޑިގަމުގެ އޭރުގެ ޒުވާނުން ކުރި ހާ ވެސް ކަމަކީ ވާ ކޮށަން ދިޔަ މީހުންގެ ކައިރީ ގައި ރީތި ބަހުން އެކަން ނުކުރުމަށް އެދުމެވެ. ބޭނުން ވަރަކަށް ހިކި ދަރު ހޮވައިގެން ގާޑިޔާ ބަރު ކޮށްގެން ދިޔަޔަސް މައްސަލަ އެއް ނެތް ކަމަށާއި  ރޯގަސް ކޮށާއިގެން އެގޮތަށް ގާޑިޔާ ބަރު ކޮށްގެން ގޮސް ގެން ނުވާނެ ކަމަށް ބުނުމެވެ. ޖަވާބުގައި އެމީހުން ދައްކަނީ އަތޮޅު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝަފީގުގެ ސިޓީއެވެ. އެހެނަސް މި ސިޓިއަކަށް ދޫނޑިގަމުގެ ޒުވާނުން ބަލައެއް ނުލިއެވެ. އެމީހުން ގެ ވާހަކަ ހަމަ އެގޮތައް ތަކުރާރު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ސިޓި ހިފައިގެން ދިޔަމީހުން އނބުރި އަތޮޅު އޮފީހަށް ގޮސް ޝަކުވާކުރުމުން ޝަފީގުގެ ރުޅިގަނޑު ބޭލުއްވި ގޮތަކީ އަވަށުގެ ހަރު ކުލައިގެ ހުރިޙަ ފިރިހެނުން ޝަރީއަތަކާ ނުލައި ޖަލަށް ލުމެވެ.

މާލެ ގެންދިޔަ އިއްޒަތްތެރި ބޭފުޅުން ޖަލުގައި ދުވަސްތައް ގުނަމުން ދިޔައިރު ރަށުގައި ތިބި އެމީހުންގެ އަނބި ދަރިން ހޭދަ ކުރަމުން ދިޔައީ ބިރު ވެރި ދުވަސް ތަކެކެވެ. މުޅި އަވަށުގެ ކިޔަވާ ފުރައިގެ ހުރިހާ ކުދިންގެ ތައުލީމު އޮތީ ހުއްޓިފައެވެ. ރަށުގައި އޭރު ހުރި ހަމަ އެކަނި ރަސްމީ ތައުލިމު ދޭ ސްކޫލު ކަމުގައި ވާ ފުވައް މުލަކު ސްކޫލުގެ މުދައްރިސް ހަމީދުގެ އިތުރުން އެތައް ސަތޭކަ ކުދިންނަކަށް ގުރުއާން ކޔަވައި ދެއްވަމުން ގެންދެވި ޕިޔާނާގޭ ހަސަން ދީދީ ވެސް ބަންދު ކުރެވުމުގެ ސަބަބުން ގުރުއާން ކިޔެވުމުގެ ފުރުސަތު ވެސް ގިނަ ކުދިބަޔަކަށް ގެއްލުނެވެ.

ޖަލުގައި ވާނުވާ އެއް ނޭނގި ބިރުވެރި ކަމުގައި ހަތަރު މަސް ދުވަސް ހޭދަ ކުރި ފަހުން އެއްވެސް ސުވާލެއް ވެސް ނުކޮށް ދޫކޮށްލި އިރު ގިނަ މީހުންގެ ގައިގައި ވަނީކަސް އަޅައި ނަފުސާނީ ގޮތުން އެތަކެއް ގެއްލުމެއް ލިބިފައެވެ.

މިއީ އަޅުގަނޑުގެ ހަޔާތުން ދުށް ދުވަހަކަށް ވާފަދައިން ހަޔާތުން ދުވަހަކު ސިފައިންގޭގެ ބެލުމުގެ ދަށުގައި ހުންނަން ޖެހުމުން ގެއްލުނު އިންސާނީ ހައްގު ހޯއްދެވުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅުއްވަމުން ގެންދަވާ ހ. ޝަފީގުގެ އަހުމަދު ޝަފީގުގެ ހަޔާތަށް ވެސް އައި ދުވަހެކެވެ.އެހެނަސް އެމަނިކުފާނުގެ ހަޔާތްޕުޅުގެ މި މުހިންމު ދުވަސް މިހާރު ހަނދުމަފުޅު އެބަ ހުންނެވި ބާވައެވެ. ތިމާގެ ދަރިންނަށް ސަރުކާރުން ޚަރަދު ކޮށްގެން ކިޔަވައިދީ ބޭރު ގައުމު ތަކުން ސްކޯލާޝިޕް ތަކަށް ފޮނުވައި ކިޔަވައި ދިނުމުން ރާއްޖެ ނުގޮސް އެމެރިކާ ފަދަ ގައުމު ތަކުގައި ދިރި އުޅެމުން ގެންދާ އިރުވެސް އެއިގެ ތެރެއިން އެންމެ ކުއްޖަކަށް ލިބެން ޖެހޭ ސްކޯލާޝިޕެއް ނުލިބުނޭ ވިދާޅުވެ ޝަކުވާކުރައްވާ އިރު އެތައް ސަތޭކަ ދަރިވަރުންނަކަށް ލިބެމުން ދިޔަ ތައުލީމު ހުއްޓުވާލައި އެމީހުންގެ މުދައްރިސުން ޖަލަށް ލި އިރު ގެއްލުނީ ކިތައް މީހުންގެ ހައްގު ކަން އެނގި ވަޑައި ގަންނަވާ ބާ ވައެވެ. ހަތަރު މަސް ފަހުން މިމީހުން ޖަލުން ނެރުނު ތާރީޚަކީ 12.5.1976 އެވެ.

ޝައްކެއް ނެތެވެ މިއީ ޢިބުރަތުން ފުރިގެން ވާ ފިލާ ވަޅެކެވެ.  މިއަނިޔާ ވެރި އަމަލާ ބެހޭ ގޮތުން ހައްގު ހޯދުމަށް ޓަކައި ފުވައްމުލަކު ދޫނޑިގަމު ރައްޔިތުން ކުރަން ޖެހޭ ދިރާސާ ތައް މިހާރު ގެންދަނީ ކުރަމުންނެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދިވެހި ރާއްޖޭގެކަމާ ބެހޭ ފަރާތް ތަކަށާއި  ރައީސުލް ޖުމްހޫރިއްޔާގެ އަރި އަހަށް މައްސަލަ ހުށަހެޅޭނެއެވެ. އެދުވަހަކުން އެ މައްސަލަ ވެސް ނުބެލޭ ކަމަށް ވަންޏާ ފުލުސް އޮފީހެއް ވެސް ނުހިންގޭނެ ކަމަށް ވިދާޅު ވެއްޖެއްޔާ ރައީސް ނަޝީދަކީ ވާ ރަޢީސެކޭ ބުނެވިދާނެއެވެ.     

2 Responses to “އަހަރެންގެ ޙަޔާތުން ދުވަހެއް: ފުވައްމުލަކު ދޫނޑިގަމު 13 މީހުން ޝާރީޢަތަކާ ނުލައި ޖަލަށް ލި ހެންވޭރު ޝަފީގުގެ އަހުމަދު ޝަފީގުގެ ވާހަކަ”

  1. yasinfikry said

    އަނިޔާވެރިން އަނިޔާވެރިކަމޭ، ބުނީމަ، ހީހީ ހަލާކު، ޝަފީޤުގޭ ޝަފީޤް މުސްކުޅިވިދުވަހު، ނަޝީދު އޭނަ ބޮއްވަނީ، މުސްކުޅިއަކު ހައްދައިގެން އޭނާގެ ނަމުގައި ފޮތެއް ލިޔުނުކަމުގެ ކުށުގައި، ނަޝީދު ހައްޔަރުކުރުމަށް ފުލުހުންނަށް ގޮވާލަން

  2. hate said

    oh meena marunuveytha adhives..???

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

 
Follow

Get every new post delivered to your Inbox.