ސިލްސިލާ ވާހަކަ: ގެއްލުނު ރާއްޖެ 4
Posted by allaboutmaldives on September 2, 2010
މައްލިގެ ސިކުނޑިފުޅު ވަނީ މީގެ އެތަކެއް އަހަރު ކުރީގެ މާޒީގެ ތެރެއަށް ފީނައިފައެވެ.
އެއިރު އެމަނިކުފާނުގެ އުމުރު ފުޅުން އެންމެ ދިހަ ވަރަކަށް އަހަރު ފުޅެވެ. ހަލަބޮލި މިޒާޖެއްގެ ކުއްޖަކަށް ވެފައި ގިނައިން އެކިގައި އުޅެވެނީ ނުލަފާ އަރުވާ ކުދިންނާ ކަމުން އަބަދުވެސް ބޮޑެތި މީހުންގެ ނުރުހުމާ މައްލިޔަށް އޮންނަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންސް ބޮޑުވެގެން ގާތްވެގެން ނުވަތަ ހެޔޮ އެދިގެން މައްލިޔަށް ނަސޭހަތެއް ދެވޭ ވަރުގެ މީހަކު ހުންނަ ކަމަކަށް ނުވެއެވެ. މި ދުވަސްވަރު މައްލި ކިރިޔާ ވެސް ދަރެއް ޖެހޭ މީހަކަށް ހުންނަނީ އޭނާގެ ބޮޑު ދައިތަ އެކެވެ. ހަގީގަތުގައި މައްލީގެ ކަސިޔާރު ދިރިއުޅުމާ ގޭތެރޭގެ ކަންތައް ހުންނަގޮތާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ގޭތެރޭގައި އެދުވަސް ވަރު އެންމެ ގަދަޔަށް ދެކެވޭ ވާހަކަޔަކީ ސިޔާސީ ވާހަކައެވެ. ވެރިކަން ކުރާ މީހުން ކަމު ނުގޮސް ގެންނާ އި ވެރިކަން ބަދަލު ނުވެގެން އުޅޭ ވާހަކަ އެވެ. ދެފަހަރެއްގެ މަތިން ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ވުމުން އެކަމުގެ އުދާސް އަބަދު ވެސް ގޭތެރޭގައި ހުންނަނީ ކެކި ކެކި އެވެ. އެ އުމުރުގައި މި ކަންތަކަކީ މައްލިޔަށް އެހާ ކަމުދާ ކަން ތައް ތަކަކަށް ނުވެއެވެ.
ޅަފުރާގެ ހަލަބޮލި ދުވަސް ވަރަށް ފަހު ދެން އައީ މައްލީގެ ދިރިއުޅުން ޒަވާޖީ ހަޔާތަކާ ކުރިމަތިލި ހިސާބެވެ. ލޮލާ ބޮލުން އެދިގެން، ޖާނާ މާލުން ގުރުބާން ވެގެން ކުރި ކައިވެނީގެ ތެރެއިން ވެސް މައްލިޔަށް ދިމާ ވީ ޅައިރު ގޭތެރެއިން ވެސް ދިމާވި ފަދަ އުދާސް ކަމެކެވެ.
ބަފައިބެޔަކީ ވެރިކަމާ ތޮޅުމުގެ ސަބަބުން އަދަބު ލިބި ފަހުން މަޢާފު ދެވިފައި ވާ މިހެކެވެ. ސަރުކާރުން ކިތަންމެ ބޮޑު ވަޒީފާ އެއް ދީފައި ހުރި ކަމުގައި ވިޔަސް ވެރިކަމާ މެދު އޮންނަ ނުރުހުން ވުމާއި ވެރިކަމަށް ފާޑު ކިޔުމަށް ގޭތެރޭގައި އޮންނަ ޝައުގު ވެރިކަމަކަށް ބަދަލެއް އައި ކަމަކަށް ނުވިއެވެ.
ކުޑަ އިރު ގޭމީހުންގެ ވާހަކަ ތަކަށް ބީރު ކަންފަތެއް ދިން ކަމުގައި ވިޔަސް އަމިއްލަ ނަފުސައް ވުރެ ލޯބިވާ އަނބި މީހާގެ ފަރާތުން މޫނު އެއްފަރާތް ކޮށް ލުމަކީ މައްލިޔަކަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. ދިވެހި ރާއްޖޭގެ ވެރިކަމާ ކޮންމެ ފަދަ އަގެއްގައި ވެސް ކުރިމަތިލާން މައްލި ހިތުގައި ކަނޑަ އެޅީ އެހިސާބުންނެވެ.
ރީންގ—— ރީންގް——— ރީންގް
ޖީބުގައި އޮތް މޯބައިލް ފޯނުގެ އަޑު މައްލި ގެނބެމުން ދިޔަ ހުވަފެނީ ދުނިޔެއިން ހޭލައްވައިލިއެވެ. “ހަލޯ” ބެދިފައިވާ ކުރަކި އަޑަކުން ފޯނަށް ޖަވާބު ދެއްވިއެވެ.
“ހާދަ ވަރުފުޅު ބަލި ހެން ހީވެޔޭ——– އަނެއްކާ އަވަހާރަފުޅަށްތޯ”—— އަނެއްކޮޅުން ވާހަކަ ދެއްކެވީ އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ، އަފީން އެވެ.
“ނޫނެ އަފީން———-އަދި ހަމަ ރެސްޓޯރެންޓުގަ މިހިރީ———-އަނެއްކާ ކިހިނެއް ވީތޯ؟”
“މާބޮޑު ކަމެއް ވީކީ ނޫން——–ދެން ހަމަ ގުޅާލީ———–” އަފީންގެ ވާހައިގައި ހުރީ ފޫހި ރާގެކެވެ.
ކޮން ޚަބަރެއް މިއަދު އޮތީ——-ހުރިހާ ކަމެއް އޯކެތަ؟” އަވަސް އަވަހަށް މައްލި ސުވާލު ކުރިއެވެ.
“ސްޕްރީމް ކޯޓުގެ ދޮރު ހުންނާނީ ހުރިހާ ބާވަތެއްގެ ނުފޫޒަކަށް ބަންދު ވެފަޔޯ” ސްޕްރީމް ކޯޓަކީ މައްލިގެ ސަރުކާރުން ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ގެންދާ ގަނޫނާ ޚިލާފު އަމަލުތަކާ މެދު ފަހު ބަސް ބުނުމުގެ ބާރު އޮތް ފަރާތެވެ. އެހެން ކަމުން އެކޯޓަށް އަލަށް ހުވުނު ފަރާތް ތަކުގެ އަމަލް ތަކަކީ މައްލިޔާއި އޭނާގެ ސަރުކާރުން ވަރަށް ޝައުގު ވެރިކަމާ އެކު ބަލަން ބޭނުންވާ ކަމެކެވެ.
“އެހެން ނުފޫޒު ތަކަށް ދޮރު ބަންދު ވާނެޔޭ ބުންޏަސް އަދި އެއީކީ މާ ބޮޑު ކަމެއްނޫނެއްނު———-ދޮރު ބަންދު ކުރެވޭނީ ދޮރު ހުޅުވިގެން އެއިގެ ފަހުންނެއްނު——— އިހަކަށް ދުވަހު އެއްނު ބޮޑު ތަޅު އަޅުވައިފައި ދޮރު ނުހުޅުވޭ ގޮތް ހެދީ——- އެހެން ހެދީމަ ދެން ކޮން ބަންދެއް ކުރެވޭނީ——- އަދި އެއުޅެނީ ހަމަ ބިމަށް ނާދެވިގެން——- ނިކަން ހުރޭ——–އެއްކަމެއް ގޯސްކޮށް ދާއިރަށް ކުޅި ދައްކާލާނަން ——– ލާހިކެއް ނޫން———އާނ އެހެންޏަ————” އެއް ނޭވައިން ރައީސް އެމަނިކުފާނުގެ ހިއްޕުޅުގައި އުފެދުނު ހައިޖާނު އަފީން ގެ ކަންފަތަށް އޮއްސާލިއެވެ. އެއަށް ފަހު ޖަވާބަކަށް މަޑު ކުރިއެވެ
“އަނެއްކާ އަނެއް މޮޅު ވާހަކަ މިއޮތީ ——— ދުނިޔޭގަ ނެތް ފަދަ ދީނީ ޢިލްމު ވެރިންނަށް ވެގެން ތިމަންނަ މެން ނުލާ ވެރިކަން ކުރުމަކީ ހަރާން ކަމެކޭ ކިޔައިގެން އުޅުނު ދަންނަބޭކަލުންގެ ވަރަކީ މިބޭކަލުންނަކަށް އެނގި ވަޑައި ނުގަންނަވަޔޯ ތަޖުވީދުމަގަށް މީހަކު ގުރުވާން ކިޔަވާ އިރު މާކްސް ދިނުމުގައި ބަލަން ޖެހެނީ ކޮން ކަންތަކަކަށް ކަން ވެސް———-މީގައި އެންމެ ހެއްވާ ކަމަކީ ގުރުއާނުގެ އިލްމުން އާލަމީ ފާސް ނަގައިގެން ތިމަންނާ މެން ފިޔަވައި ގުރުއާން އެނގޭ ބަޔަކު ވެސް ނުތިބޭނެޔޭ ކިޔައިގެން ޝަކުވާކުރި މީހުން މިމީހުންނަކީ———-އެންމެ ފަހުން ޕާކިސްތާނުގެ ޕަންޖާބު މަދަރުސާ އަކުން ގެނައި މީހަކު ބުނީމަޔޯ މިއެނގުނީ ދިވެހި ހުރިހާ ގާރީން ކިޔަވަނީ ނުބައި ކޮށް ކަން———– މިދެން ތަން ކޮޅެއް ބޮޑު ވަރެއްނު”
“ތީގަ ދެން ކޮބާ އަހަރެމެން ބެހެންވީ ކަމަކީ————–ވެރިކަމުން ބަޔެއް ބޭނުމޭ ބުނީމާ އެއޮތީ ދީފަ—–ދެން އެމީހުނަށް ދީފަ އޮތް ކަންތައް އެމީހުން ބޭނުން ގޮތަކަށް ކުރާނެތާ ——-އަހަރެމެންނަށް އުނދަގުލެއް ނުކުރަންޏާ އެވީނު——-” ރައީސް މައްލީގެ ވާހަކަ ހުރީ އަފީން ހަމަޔަކަށް އެޅުވުމަށް ބާރު އެޅުއްވުމުގެ މޫޑެއްގައެވެ. “އެހެން ނޫނަސް ކުރިމަތީގައި އޮތީ ބޮޑު އިންތިޚާބެއް—— ރަށްފުށުގައި އުޅޭނެ އެމީހުންގެ ބަހަށް ހެއްލޭ ބައިވަރު މީހުން—— އެހެން ވީމާ ރަނގަޅު ވާނީ އެމީހުން ކުރާ ކަންތަކާ އަހަރުމެން ނުބެހުނިއްޔާ———–”
“ތިވެސް ރަނގަޅު ވާހަކައެއް” އަފީން ކުޑަކޮށް ހަމަ ޖެހިލިހެން ހީވިއެވެ.
“އާނ އޯކޭ މިވަގުތު ކަނޑާލަނީއޭ”
ފޯނު ޖީބަށް ލަމުން ރައީސް މައްލި ރެސްޓޮރެންޓުން ނިކުމެ ވަޑައިގެން މިސްރާބު ޖެއްސެވީ ޑިސްކޯ ހޯލާ ދިމާޔަށެވެ. ފަހަތްޕުޅުން ފަރި ހިނގުމެއްގައި އަނބިކަނބަލުން ގީލާ ވެސް ވަޑައިގެންނެވިއެވެ. (ނުނިމޭ)