ކުރު ވާހަކަ: ގެއްލުނު ރާއްޖެ
Posted by allaboutmaldives on August 26, 2010
މެދު އުޑުގައި ހުރި ރީނދޫ ކުލައިގެ އަލިފާން ބޯޅައެއްފަދަ އިރު މަޑު މަޑުން ހުޅަނގު ފަރާތަށް މިސްރާބު ޖަހައިފިއެވެ. އިރުން ލިބެމުން ދިޔަ ދިލަ ހޫނުން ވަޅޯވަމުން ދިޔަ ހިތްތަކަށް ހަމަ ޖެހުމެއް ގެނެސް ދިނީ އުދަރެހަށް ފެތުރެން ފެށި މަޑުފިޔާތޮށިކުލަޔާއި އަޅި ކުލައިގެ ވިލާތަކުގެ ފަހަތުން ނިވާ ވަމުން ގޮސް މާސިންގާ ނޫ ކުލައިގެ ކަނޑުގެ ސަޠަހަޔަށް ފީނަމުން ދިޔަ، އިރު ގެ ވަދާޢީ ސަލާމުންނެވެ.
ދިވެހި ރާއްޖޭގެ ވެރި ރަށް މާލޭގެ މަގުތަކުގައި ހަވީރުގެ އަރާމު ރޯޅިން ހިތް ހަމަޖެހުން ހޯދަމުން ހޭލަ މޭލަވާ މީސްތަކުން އޮތީ ފުރި ބާރުވެފައެވެ. ކޮންމެ މީހަކު ވެސް ވަނީ އެމީހެއްގެ އަމިއްލަ ދުނިޔޭގައި ޣާފިލު ވެފައެވެ. ދިރި އުޅުމުގެ ކާރޫ ބާރޫ ބޮޑު މާލޭގައި އެކަކަށް ވެސް އަނެކަކާ މެދު ވިސްނުމަކީ އެހާ ފަސޭހަ ކަމެއް ކަމުގައި މިހާރަކު ނުވެއެވެ. ދުވަހަކީ ބުރާސްފަތި ދުވަސް ކަމުން ހަފުތާގެ ބަންދަށް ތައްޔާރު ވަމުން ދިޔަ މީހުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ބޮޑު ތަކުރުފާނު މަގުން ރަސީސް އޮފީސް ކުރިމަތީގެ ފަޅު ތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ ލޯންޗް ކޮޅުތަކުގެ ތެރެއިން ލޯންޗް ކޮޅެއް ދަތުރަށް ތައްޔާރު ވެފައި އޮތެވެ. ސަރުކާރުގެ މިނިސްޓަރުންނާއި އެނޫނަސް ދެޖިންސުގެ ގިނަ އަދަދެއްގެ ބަޔަކު ލޯންޗްކޮޅުގައި ތިއްބެވެ. ދެތިން މިނިސްޓަރަކު ތޮށި ގަނޑު ކައިރީގައި މަޑު ކޮށްލައްވައިގެން ތިއްބެވިއެވެ. ހީވަނީ އެ ބޭފުޅުން އެ ތިއްބެވީ ކޮންމެވެސް ބޭފުޅެއްގެ އިންތިޒާރުގައި ހެންނެވެ. އިރުކޮޅަކުން އެތަނަށް އައިސް އެ މަޑު ކޮށްލީ ރީނދޫ ކުލައިގެ ޖެގުއަރ އެކެވެ. އެ އާ އެކު އިންތިޒާރުގައި ތިއްބެވި މިނިސްޓަރުން އަވަސް އަވަހަށް ކާރާއި ދިމާޔަށް މިސްރާބު ޖެއްސެވެ. އެއްބޭފުޅަކު ކާރުގެ ދޮރު ހުޅުވައި ލެއްވުމާ އެކު ފައިބާ ވަޑާއިގެންނެވީ ދިވެހި ރާއްޖޭގެ އިއްޒައްތެރި ރައީސުލް ޖުމްހޫރިއްޔާ މަނީޝް ނުވަތަ މަޝްހޫރު ނަމުން ނަމަ މައްލި އެވެ. އެމަނިކުފާނުގެ ފަހަތްޕުޅުން އަނބި ކަނބަލުން ގީލާ ވެސް ކާރުން ފައިބާ ވަޑައިގެންނެވިއެވެ. އިންތިޒާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފްރެންޗް ބިއާޑެއް ލައްވައިފައި ބޯ ބާލައިފައި ހުންނެވި އިސްކޮޅުން ކުރު ވަރުގެ ބޭފުޅަކު ކުރިޔަށް ޖެހި ވަޑައިގެން އޭނާގެ ކަނާތް ގޮށް މުށް ކަވައިފައި ރައީސާއި ދިމާޔަށް ދިއްކޮށްލެއްވިއެވެ. ޖަވާބުގައި އެމަނިކުފާނުގެ ކަނާތް ގޮތް މުށް ކަވާފައި އެ އަތުގައި މަޑު މަޑުން ޖެއްސެވުމާ އެކު ކޮބާ އެންމެން ރެޑީ ހޭ ވިދާޅު ވިއެވެ. އާދޭހޭ ވިދާޅުވި އަޑާއެކު އެންމެ ބޭފުޅުން ލޯންޗަށް އަރައި ވަޑައިގެންނެވުމާއެކު ލޯންޗް އެއިގެ ފުރިހަމަ ދުވެލީގައި މާލޭ ކަނޑިންމައިން ނުކުމެގެން ދަތުރު ފެށިއެވެ.
އެއިރު ޢުޑުގައި ރަސްކަން ކުރަމުން ދިޔަ ރީނޑޫ ކުލައިގެ އަލިފާން ބޯޅައެއްފަދަ އިރު ނޫކުލައިގެ ބިޔަ ކަނޑުގެ ސަޠަހައިގެ ތެރެޔަށް ވަދެ ނިވައި ވަނީ އެވެ. އުދަރެސް އޮތީ މަޑު ފިޔާ ތޮށި ކުލަޔާއި މަޑު ނޫ ކުލަޔާއި އަޅިކުލައިން ކުރަހާފައިވާ ރީތި މަންޒަރު ތަކުން ފެވިފައެވެ. ނުނިމޭ.
ކުރު ވާހަކަ: ގެއްލުނު ރާއްޖެ (via All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް) « All About Maldives ______________އޯލް އެބައުޓް މޯލްޑިވްސް said
[...] Posted by allaboutmaldives on August 26, 2010 މެދު އުޑުގައި ހުރި ރީނދޫ ކުލައިގެ އަލިފާން ބޯޅައެއްފަދަ އިރު މަޑު މަޑުން ހުޅަނގު ފަރާތަށް މިސްރާބު ޖަހައިފިއެވެ. އިރުން ލިބެމުން ދިޔަ ދިލަ ހޫނުން ވަޅޯވަމުން ދިޔަ ހިތްތަކަށް ހަމަ ޖެހުމެއް ގެނެސް ދިނީ އުދަރެހަށް ފެތުރެން ފެށި މަޑުފިޔާތޮށިކުލަޔާއި އަޅި ކުލައިގެ ވިލާތަކުގެ ފަހަތުން ނިވާ ވަމުން ގޮސް މާސިންގާ ނޫ ކުލައިގެ ކަނޑުގެ ސަޠަހަޔަށް ފީނަމުން ދިޔަ، އިރު ގެ ވަދާޢީ ސަލާމުންނެވެ. ދިވެހި ރާއްޖޭގެ ވެރި ރަށް މާލޭގެ މަގުތަކުގައި ހަވީރުގެ އަރާމު ރޯޅިން ހ … Read More [...]