އިޒުރޭލާ ސިޔާސީ ގުޅުން ގާއިމު ކުރުމުގެ ކުރިން ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައިދެއްވަން ޑޮކްޓަރ ޝަހީދު އިތުރަށް ބޭނުން ފުޅު ވެ ވަޑައި ގަންނަވަނީ ކޮން ކަމެއް؟
Posted by allaboutmaldives on October 15, 2009
ގައި ބާރު ހުރި މީހަކު، މީހަކު ހިފާ ހައްޔަރު ކުރިއެވެ. ގުޑާ ނުލެވޭ ގޮތަށް ހަތަރެސް ފައި ބަނދެފައި ބާއްވާފައި އޭނާޔަށް ބޮޑެތި އަނިޔާ ތައް ކުރިއެވެ. މިހިނދު އަނިޔާ ލިބެމުން ދާ މީހާ އަޑުގެ ކޮޅަށް ރޮއިފައި އާދޭސް ކުރެއެވެ.ހެޔޮ ނުވާނެއެވެ. ތިހެން ނަހަދާށެވެ. އަހަންނަށް އަނިޔާ ނުކުރާށެވެ. ދޫނުކުރި ކަމުގައި ވިޔަސް ތަޅާ ނުމަރާށެވެ.
![[1] AdieMormech](http://allaboutmaldives.files.wordpress.com/2009/10/adiemormech1.jpg?w=400&h=300)
AdieMormech
އިސް ވެ ދެންނެވުނު ދެމީހުންގެ ދެމެދުގައި ގުޅުމެއް ނެތް ހެއްޔެވެ. ނޫނެކެވެ. ދެމީހުންގެ ދެމެދުގައި ގުޅުން އެބައޮތެވެ. ވާހަކަ ވެސް އެބަ ދެކެވެއެވެ. އެކަކު ތަޅާ މަރަނީއެވެ. އަނެކަކު އެ އަނިޔާ ތަކުން މިންޖު ކޮށް ދިނުން އެދި އާދޭސް ކުރަނީއެވެ.
ދާދި ފަހުން ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ، ފަލަސްތީނުގެ ބޮޑު ވަޒީރު މަޙުމޫދު އައްބާސަށް ފޯނު ކުރައްވައި ދެއްކެވި ކަމުގައި އަޑު އަރައިގެން ދިޔަވާހަކައިގެ ތެރޭގައި، ރައީސް ނަޝީދު މަހުމޫދު ޢައްބާސް ކުރެން އެއްސެވި ކަމުގައި ވަނީ ތިމަންނަ އިޒުރޭލުގެ ވެރިންގެ ގާތުގައި ބުނެދޭންވީ ކޮން ވާހަކަ އެއްތޯއެވެ. މަހުމޫދު އައްބާސް ވިދާޅު ވިއެވެ. އިޒުރޭލު މީހުން ގާތު އަހަރެމެންނާ ސުލްހައިގެ ވާހަ ތައް ދައްކަން ފަށާށޭ ބުނެދޭށެވެ.
ކުރީގައި ދެންނެވުނު ހިފާހައްޔަރު ކޮށްފައި ވާމީހާ ރޮއި ރޮއިފައި އަނިޔާ ނުކުރަން އެދޭ އެދުމާ މަހުމޫދު ޢައްބާސް ޢިޒުރޭލުގެ ސަރުކާރުގައި އެދޭ އެދުމުގެ މާކަ ބޮޑު ތަފާތެއެ ނެތެވެ. އެހެނަސް މި އަށް ދިވެހި ރާއްޖޭގެ ރައީސް ދެއްވާ ނަމަކީ ސިޔާސީ ގުޅުމެވެ. ފަލަސްތީނާ އިޒުރޭލާ ދެމެދު ވެސް ސިޔާސީ ގުޅުން އެބަ އޮތޭ އެހެން ކަމުން އަހަރެމެން އިޒުރޭލު އެކަހެރި ކުރުމަކީ ހަމަ ޖެހޭ ކަމެއް ނޫނޭ ރައީސް ނަޝީދު ގެންދަވަނީ ވިދާޅު ވަމުންނެވެ.
ރަޢީސް ނަޝީދުގެ ވިސް ނުންފުޅު އެގޮތަށް ހުންނެވި ކަމުގައި ވިޔަސް ދުނިޔޭގެ ގިނަ ބަޔެއްގެ ކުރިމަތީގައި އިޒުރޭލަކީ އަނިޔާވެރި ކަމާއި ލާއިންސާނީކަން ހައްދު ފަހަނަޅައިފައިވާ ގައުމެކެވެ. އެހެން ކަމުން އެފަދަ ގައުމަކާ އެކު ސިޔާސީ ގުޅުން ގާއިމު ކުރުމަކީ އެމީހުން ގެ އެޢަމަލު ތަކުގައި ބައިވެރި ވުމެވެ.
ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރާ ތަފާތު ޖަމާއަތްތައް ދުނިޔޭގައި ވެއެވެ. މީގެތެރެއިން ވެސް ފާހަގަ ކޮށްލެވޭ ޖަމާއަތެއްކަމުގައިވާ ފްރީ ގާޒާ ހަރަކާތުގެ އެންމެ އިސް އެކަކު ކަމުގައިވާ އަޑީ މޯމެޗް އާ މިވާހަކަ ހިއްސާ ކޮށްލީމެވެ. އަޑީ އަކީ މީގެ ދުވަސް ކޮޅެއް ކުރިން ކަނޑުމަގުން ގާޒާޔަށް އިންސާނީ އެހީ ހިފައިގެން ދިޔަ ބޯޓުގެ އިސް މީހެއްގެ ގޮތުގައި ގޮސް އިޒުރޭލުގެ ކަނޑުގެ ސިފައިންގެ އަނިޔާގައި ރަނގަޅަށް ޖެހި އެތާގެ ޖަލުގައި އެތައް ދުވަހަކު ހައްޔަރު ކޮށްފައި ބޭއްވުމަށްފަހު ޑީޕޯޓް ކޮށްފައިވާ އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރާ މީހެކެވެ.
އަޑީ ބުންޏެވެ. އެއްވެސް ބަޔަކު އިޒުރޭލާ ސިޔާސީ ގުޅުން ބަދަހި ކުރަން އުޅޭނަމަ އޭގެ ފަހަތުގައި އޮންނާނީ އެމެރިކާ އެވެ. އެމީހުންގެ މަޖުބޫރު ކުރުމެވެ. ނުވަތަ އެމީހުންގެ ފަރާތުން ލިބޭނެ އެހީގެ ދަޅައެވެ. އަހަރެން ބުނީމެވެ. އިނގިރޭސި ކޮންޒަވޭޓިވުންގެ އަތެއް މީގައި އޮތުން އެކަށީގެނެއް ނުވޭ ހެއްޔެވެ. އެމީހުންނަކީ އިޒުރޭލާ ވަރަށް ގާތް ގުޅުމެއް އޮންނަ ބަޔެއް ނޫންހޭ އެހުމުން އަޑީ ބުނީ ތީ ހަމަ ވެދާނޭ ގޮތެއް ކަމަށެވެ. މިހެން ބުނެފައި އޭނާ ކުރީ ބޮޑު ސުވާލެކެވެ. އިޒުރޭލާ ގުޅުން ބަދަހި ކުރުމުގައި ދިވެހި ރާއްޖޭގެ ރައީސް ދައްކަވާ ބަހަނާޔަކީ ކޮބާހޭ ކުރި ސުވާލުގެ ޖަވާބު އަހަން ނަށް ދެވުނީ ކިރިޔާއެވެ. ޖެހިގެން ހުރި މޮރޮކޯ އަށް އުފަން އަންހެން ކުއްޖާ އަހަރެންގެ ވާހަކަ މެދު ކަނޑުވާލައިފައި ބުންޏެވެ. ތިޔައީ އާ ވާހަކަ އެއް ނޫނެވެ. އަހަރެމެންގެ ގައުމުގެ ރަސްގެ ފާނުވެސް އިޒުރޭލާ ސިޔާސީ ގުޅުން ގާއިމު ކުރީ ހަމަ ތިޔަ ބަހަނާ ދައްކާފައެވެ. އިޒުރޭލާ ވާހަކަ ދައްކައިގެން ފަލަސްތީނަށް ރަނގަޅު ގޮތްތައް ހޯދައި ދެވޭނެޔޭ ކިޔައިފައެވެ. އެހެނަސް ވީ ކަމެއް އެބަ އޮތް ހެއްޔެވެ. ދެކެވުނު ވާހަކަ އެއް އެބައޮތް ހެއްޔެވެ. ތިޔައީ ހަމަ އެމެރިކާގެ ޕްރޮޕަގެންޑާއެވެ. މިގޮތަށް އޭނާގެ ޚިޔާލު ހުރި ކަމުގައި ވިޔަސް ރައީސް ނަޝީދާ ޚިޔާލު އެއްގޮތް ވާ ވާހަކައެއް ވެސް އޭނާ ބުންނެވެ. އެއީ މި މައްސަލަޔަކީ ދީނީ ކަމެއް ނޫ ނޭ އޭނާވެސް ބުނި ބުނުމެވެ.
ދިވެހި ރާއްޖޭގެ މުސްލިމުން އިޒުރޭލާ ދެކޮޅު ވެރި ވުމުގެ މައިގަނޑު އެއް ސަބަބަކީ އެމީހުންގެ މުސްލިމު އަޚުންނަށް އިޒުރޭލުން ދެމުންގެންދާ އަނިޔާތަކަށް ހިތް ނުރުހުމެވެ. އެހެންކަމުން އިޒުރޭލާ ސިޔާސީ ގުޅުން ގާއިމު ކުރުމަކީ ދީނީ ކަމެއް ނޫން ކަމުގައި ރައީސް ނަޝީދު ގެންދަވަނީ ދިވެހިންގެ ގާތު ވިދާޅުވަމުންނެވެ. އެހެނަސް ރައީސް ނަޝީދު ވިދާޅު ނުވާ ވާހަކައެއް އެއްކަލަ މޮރޮކޯގެ އަންހެން ކުއްޖާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފަލަސްތީނުގެ މައްސަލަޔަކީ އިންސާނީ މައްސަލައެކެވެ. އެތާގައި ދިރި އުޅޭ އިންސާނުންގެ އިންސާނީ ހައްގެއް އިޒުރޭލުން ލިބިއެއް ނުދެއެވެ. އަނިޔާ ތަކާ ދުއްތުރާ ދީ މަރާ ހުސް ކުރަމުން ދާއިރު އެމީހުންގެ އަސާސީ ބޭނުން ތަކަށް ކާނާޔާ ފެނާ ބޭސް ފަދަ ވަސީލަތްތައް ފޯރުކޮށް ދިނުމަށް ވެސް އިޒުރޭލުން އަޅަނީ ހުރަހެވެ.
ވާހަކައިގެ މިހިސާބުން އޭނާ އިޝާރާތް ކުރީ ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެނ ކަނޑުމަގުން އެމީހުން ކުރި، ކުރިން އިޝާރާތް ކުރެވުނު ދަތުރަށެވެ. އެދަތުރުގައި ބައިވެރިވީ ކޮންމެހެން މުސްލިމުންނެއް ނޫނެވެ. އެމެރިކާގެ ޕާލަމެންޓް މެންބަރުންނާ، ރިޕޯޓަރުންނާ، ޑަކްޓަރުންނާ އެނޫނަސް އިނސާނިއްޔަތަށްޓާކައި މަސައްކަތް ކުރާ ގިނަބަޔަކު އެދަތުރުގައި ބައިވެރި ވިއެވެ. އެހެނަސް އެދަތުރު ނިމިގެން ދިޔައީ އެމީހުން ގާޒާގެ ބަނޑަށް ޖެހިފައި ތިބި ރައްޔިތުންނަށް ފޯރު ކޮށް ދޭން އުޅުނު އިންސާނީ އެހީ ފޯރު ކޮށް ނުދެވިއެވެ. ގަވާއިދާ ޚިލާފަށް ބޯޓު ހުއްޓުވައި ބޯޓުން ދަތުރު ކުރި އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރާ މީހުން އިޒުރޭލުގެ ޖަލަށް ލައި އެންމެ ފަހުން އެމީހުން ޑީޕޯޓް ކޮށް ލީއެވެ.
މިއީ އިޒުރޭލުގެ އަނިޔާވެރިކަން ލޮލުން ދެކެ އަތުން ހިފާފައި ވާމީހުންގެ ތަޖުރިބާއެވެ. ގާޒާގެ މިނިވަން ކަމަށް ގޮވާލާ އިނގިރޭސި ވިލާތުގެ ޖަމާއަތުގެ އެންމެ އިސް މީހެއްގެ ގޮތުން އަޑީއަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި އޭނާ ބުނެލީ އެންމެ ވާހަކަ އެކެވެ. ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އިޒުރޭލުގެ ނުބައި ކަން އަންގައިދޭށެވެ.އެމީހުންނާ އެއްވެސް ބާވަތެއްގެ ގުޅުމެއް ބޭއްވުމަކީ ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އެމީހުން ހިންގާ ޖަރީމާ ތަކުގައި ބައިވެރި ވުމެވެ.
ކަން އޮތީ މިހެން ކަމުގައި ވާއިރު ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ ޝަހީދު ވިދާޅު ވަނީ ދިވެހިންނަށް ރަނގަޅަށް އޮޅުން ފިލުވައި ދީފައި މެނުވީ އިޒުރޭލާ ގުޅުން ގާއިމު ނުކުރާނެކަމުގައެވެ. މިގުޅުމަކީ މިހާރު އެމީހުން ގާއިމު ކޮށްފައިވާ ގުޅުމެއްކަން އެކި ގޮތް ގޮތުން ފަޅާ އަރަމުން ދާއިރުވެސް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މިބާވަތުގެ ވާހަކަ ދައްކާއިރު ޑރ ޝަހީދަށް ދިވެހި ރައްޔިތުންނަށް ފަލަސްތީނާ ނުވަތަ އިޒުރޭލާ ބެހޭގޮތުން އިތުރަށް އޮޅުން ފިލުވައި ދެއްވޭނީ ފަހެ ކޮން އެއްޗެއް ބާވައެވެ.
ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައިދެއްވަން ޑޮކްޓަރ ޝަހީދު އިތުރަށް ބޭނުން ފުޅު ވެ ވަޑައި ގަންނަވަނީ ކޮން ކަމެއް؟ « The Silent Revolution – said
[...] by ހިމޭން އިންގިލާބު on 2009/10/17 އޯލްއެބައުޓްމޯލްޑިވްސް: ގައި ބާރު ހުރި މީހަކު، މީހަކު ހިފާ ހައްޔަރު ކުރިއެވެ. [...]