ދިވެހި ރާއްޖޭގެ ސްކޫލްތައް ޕްރައިވެޓް ކުރުން: ފުރަތަމަ ބައި
Posted by allaboutmaldives on August 19, 2009
ޢަބްދުﷲ ސަމީރު
ސްކޫލްތައް ޕްރައިވަޓައިޒް ކުރުމަކީ ރައީސް ނަޝީދުގެ އެމްޑީޕީ ސަރުކާރުގެ މައިގަނޑު ޕޮލިސީ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކޮންމެވެސް ސިފައެއްގައި މިކަން ފެށިގެން ކުރިޔަށް ދާއިރު އާންމުންގެ މެދުގައި ވަނީ ފާޑެއްގެ ނުތަނަވަސް ކަމެއްވެސް އުފެދިފައެވެ. އަމިއްލަ ސްކޫލްތަކުގެ އަގު ބޮޑު ވުމާއި ކިޔަވާދޭ ގޮތާއި މެދު ކުރެވޭ ސުއާލުތަކަކީ ހަގީގަތުގައި އެކަށީގެންވާ ޖަވާބު މިހާތަނަށް ލިބިފައިވާ ސުވާލު ތަކަކަށް ނުވިޔަސް ސަރުކާރުގެ ސްކޫލްތައް އަމިއްލަ ފަރާތްތަކާ ހަވާލު ކުރުން ނުވަތަ “ވިއްކާ”ލުމުގެ މަޝްރޫއަކީ މިއަދުގެ އެޑިޔުކޭޝަން މިނިސްޓަރު އެންމެ ބުރަ ކޮށް ކުރައްވަމުން ގެންދަވާ އެއް މަސައްކަތް ޕުޅެވެ. މި ލިޔުމުގައި ބަލާލާނީ ދިވެހި ރާއްޖޭގެ ސްކޫލްތައް ޕްރައިވަޓައިޒް ކުރުމާ ބެހޭގޮތުން އުފެދޭ ބައެއް ސުވާލުތަކާއި، ކުރި އަރާފައިވާ ގައުމު ތަކުގެ ތަޢުލީމީ ނިޒާމު އޮންނަ ގޮތުގެ މައްޗަށް ރިޢާޔަތް ކޮށް އެސުވާލު ތަކަށް ލިބިގެންދާ ޖަވާބުގެ މައްޗަށެވެ..
ސްކޫލްތައް ޕްރައިވަޓައިޒް ކުރުމުގެ ފެށުން
ދިވެހި ރާއްޖޭގެ ސްކޫލް ތައް ޕްރައިވަޓައިޒު ކުރުމުގެ ވާހަކަ ތަކުގެ ކުރިން ފެށިގެން އައީ އިންޓަރނޭޝަނަލް ސްކޫލް ތަކެއްގެ ވާހަކައެވެ. އެއީ ނިމިގެންދިޔަ މައުމޫނުގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގެ ތެރޭގައެވެ. މިގޮތުން އީޕީ އެސް ސްކޫލާއި ފަރީދިއްޔާ ސްކޫލް އިންޓަނޭޝަނަލް ސްލޫލް ތަކެއްގެ ގޮތުގައި ބޭރުގެ ބަޔަކާ ހަވާލު ކުރެވުނު ކުރެވުމަކީ މިއަދު މިދެކެވޭ ސްކޫލް ތައް ޕްރައިވަޓައިޒް ކުރުމުގެ ފެށުން ކަމުގައި ދެންނެވި ދާނެއެވެ. އެހެންކަމުން އިންޓަނޭޝަނަލް ސްކޫލުގެ ވާހަކަޔަކީ މިތާގައި ދައްކަން ޖެހޭ މުހިންމު ވާހަކައެކެވެ.
އިންޓަނޭޝަނަލް ސްކޫލަކީ ކޮބާ؟
ޢިންޓަނޭޝަނަލް ސްކުލަކީ ދިވެހިންގެ ތެރޭގައި ވަރަށް ނަން ހިނގާ ފައިވާ ސްކޫލެއް ކަމުގައި ވުމާ އެކު ކޮންމެ މީހަކު ވެސް ބޭނުން ވަނީ އިންޓަނޭޝަނަލް ސްކޫލަކަށް ދަރިން ފޮނުވާށެވެ. އެހެނަސް އިންޓަނޭޝަނަލް ސްކޫލަކީ ކޮބާ ކަމާ އެއީ ކީއްކުރާ ސްކޫލެއް ކަން ދިވެހިންނަށް އެނގޭ ކަމާ މެދު ޝައްކެވެ. އެހެން ކަމުން މިތާގައި އިންޓަނޭޝނަލް ސްކޫލަކީ ކޮބާތޯ ބަލާލުން މުހިންމު ކަމުގައި ދެކެމެވެ.
އިންޓަނޭޝަނަލް ސްކޫލްގެ ތަޢާރަފުގައި ވާގޮތުން އިންޓަނޭނަޝަލް ސްކޫލަކީ އިންޓަނޭޝަނަލް ތަޢުލީމު ދޭ ސްކޫލް ތަކެވެ. މިފަދަ ސްކޫލް ތަކުގައި ކިޔަވާދެވޭނީ އިންޓަނޭޝަނަލް ކަރިކިއުލަމަކަށެވެ. ނުވަތަ ސްކޫލް ބިނާ ވެފައިވާ ގައުމުގެ މައިގަނޑު ކަރިކިއުލަމާ ތަފާތު ކަރިކިއުލަމެކެވެ. މައިގަނޑު ގޮތެއްގައި މިފަދަ ސްކޫލް ތަކުގައި ކިޔަވާ ދޭނީ ސްކޫލް އުފެދިފައިވާ ގައުމު ނޫން ގައުމުތަކުގެ ކުދިންނަށެވެ. މީގެ ތެރޭގައި ގައުމުގައި ދިރިއުޅޭ ބޭރުގެ ވިޔަފާރި ވެރިންގެ ދަރިނާއި ތަފާތު އިންޓަނޭޝަނަލް ޖަމާޢަތްތަކުގެ މުވައްޒަފުންގެ ދަރީންނާއި ޑިޕްލޮމެޓިކް މިޝަންތަކުގެ މުއައްޡަފުންގެ ދަރީން ހިމެނިދާނެއެވެ. ސްކޫލް އުފެދިފައިވާ ގައުމު ތަކުގެ ކުދިން މި ސްކޫލް ތަކަށް ދަނީ އެ ސްކޫލް ތަކުން އެކުދިންނަށް ބޭރު ބަސް ދަސް ކުރުމަށް މަގު ފަހި ވުމާއި ލިބޭ ބޭރުގެ ސަނަދު ތަކުގެ އަލީގައި ބޭރު ގައުމު ތަކުން ވަޒީފާގެ މަގު ފަހި ކުރުމުގެ ބޭނުމުގައެވެ.
އިންޓަނޭޝަނަލް ސްކޫލުން ކިޔަވާ ދެނީ ކޮން އެއްޗެޢް؟
ޢާންމު ގޮތެއްގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އިންޓަނޭޝަނަލް ސްކޫލުން ކިޔަވާދެނީ އިނގިރޭސި ވިލާތާއި އެމެރިކާގެ ކަރިކިއުލަމަށް ބިނާ ގޮށްގެންނެވެ. މި ގޮތުން އިނގިރޭސި ވިލާތާއި އެމެރިކާގެ އިންޓަނޭޝަނަލް ސެޓްފިކެޓް ތަކަށް ޚާއްސަ ކޮށް ގެން މިފަދަ އިންޓާނޭޝަނަލް ސްކޫލް ތަކުގައި ކިޔަވައިދެއެވެ. އެގޮތުން އިންޓަނޭޝަނަލް ޖެނެރަލް ސެޓްފިކެޓް އޮފް އެޑިޔުކޭޝަން ނުވަތަ އައި ޖީ ސީ އެސްއީގެ ސިލަބަސް ފާހަގަ ކޮށް ލެވެއެވެ.
ދިވެހި ރާއްޖޭގެ ހުރިހާ ސްކޫލަކީ ވެސް އިންޓާނޭޝަނަލް ސްކޫލް
އިސްވެ ދެންނެވުނު އިންޓާނޭޝަނަލް ސްކޫލްގެ ޚުލާސާ ތަޢާރަފަށް ބަލާއިރު ފާހަގަ ކޮށް ލެވޭ ޕޮއިންޓަކީ އިންޓަނޭޝަނަލް ސްކޫލެއްގައި ހުންނާނެ ކަމަށް ބަޔާން ކުރާ ހުރިހަ ސިފަތަކަކީ ވެސް ދިވެހި ރާއްޖޭގެ ސްކޫލް ތަކުގައި ޒަމާނުއްސުރެ ހުރި ސިފަތަކެވެ. ޚާޢްސަ ކޮށް އިންޓަނޭޝަނަލް ސްކޫލެއްގައި ކިޔަވާދޭނެ ކަމުގައި ބުނާ ގޮތަށް ބަލާއިރު އެއީ ރާއްޖޭގައި މިހާ ތަނަށް ކިޔަވައި ދެމުން އަންނަ ޢާންމު އުސޫލެވެ. އާދެ، ރާއްޖޭގެ ސްކޫލު ތަކުން ޒަމާނުއްސުރެ ކިޔަވައިދޭ ސިލަބަހަކީ އިނގިރޭސި ވިލާތުގައި އިންޓަނޭޝަނަލް ސްކޫލް ތަކަށް ޑިޒައިން ކޮށް ފައިވާ ސިލަބަހެވެ. މިގޮތުން ދިވެހި ރާއްޖޭގެ ސެކަންޑްރީ ނިންމާ ކޮންމެ ކުއްޖަކު ވެސް ހަދަނީ އައިޖީސީއެސްއީ އިމްތިހާނެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސްކޫލަކީ ވެސް އިންޓާނޭޝަނަލް ސްކޫލް ތަކެއް ކަން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. (ނުނިމޭ)