އެ ބަދަލުގެ އަގު :ކުރު ވާހަކަ
Posted by allaboutmaldives on August 14, 2009
ޢަބްދުﷲ ސަމީރު
ނޯޓް މިވަހަކަޔަކީ ޚިޔާލީ ވާހަކައެވެ. ވާހައިގެ އެއްވެސް ޝަޚުސިއްޔަތަކީ މިވަގުތު ދުނިޔޭގައި ހުރި ނުވަތަ މަރުވެގޮސްފައިވާ މީހަކަށް ނިސްބަތް ކޮށްފައިވާ ޝަޚުސިއްޔަތެއް ނޫނެވެ. ވާހަކައިގެ އެއްވެސް ހާދިސާ އެއް އެއްވެސް ފަރާތެއްގެ ދިރިއުޅުމަށް ނިސްބަތް ވާ ކަމުގައި ހީވާނަމަ އެއީ ހަމަ އިއްތިފާގެވެ. މިވާހަކައިގެ ކޮޕީރައިޓަކީ ލިޔުންތެރިޔާގެ ހައްގެކެވެ. ޝުކުރިއްޔާ
*************************************************
ހަވީރުގެ އެންމެ ފިނި ވަގުތު ކޮޅު އުދަރެހާ ދިމާއިން ވިލާތައް ވިރުވާއަޅަމުން ކަނޑުގެ ސަޠަހަޔަށް ތިރިވެގެން ދާއިރާއެކު ނިމިގެންދަނީ ދުވާލެއްގެ ހަލަބޮލި ކަމެވެ. މަރުހަބާ ކިޔަނީ ހިމޭން ރޭގަނޑަކަށެވެ. ހަމަހިމޭން ކަމުގެ އަގަކަށް ގުރުބާން ކޮށްލަން ޖެހުނީ އިންސާނުންގެ ރޫހަށް ހަލަބޮލިކަމާއި މުރާލި ކަން ގެނެސް ދިން ހޫނުކަމެވެ. އެ އަލީގައި ކޮޅު ކޮޅަށް ހޭލަ މޭލަވި އިރުގެ އަލިކަމެވެ. އެހެނަސް މިއީ ގުދުރަތީ ގާނޫނެވެ. އެއްވެސް ބަދަލަކީ އަގަކާ ނުލާ އަންނާނެ ބަދަލެއް ނޫނެވެ. ބައެއްފަހަރު ހިތާމައެވެ. އަނެއްބައި ފަހަރު އުފަލެވެ. މިއީ ދުނިޔޭގެ ޠަބީއަތެވެ. ތޮށަލި ދުޅަޔަކީ އެއަށް ކިޔަން އެންމެ ރަނގަޅު ނަމެވެ. އިންސާނާޔަކީ ދުނިޔޭގެ މި ސިސްޓަމެޓިކް ގާނޫނުގެ އެންމެ މުހިންމު ބައިވެރިޔާ އެވެ. އެހެންކަމުން އެއިންސާނާގެ ހިތަކީ ވެސް ބަދަލުތަކަށް އެދޭ އެބަދަލު ތައް ދެކެން ބޭނުންވާ ހިތެކެވެ. ގެންނަ ނުވަތަ އަންނަ ބަދަލުގެ ނަތީޖާ ޔާ މެދު ވިސްނާ ލެވޭނީ ގިނަފަހަރަށް މާފަހުންނެވެ. މިއީ ނިކަމެތި އަހަންނަށް ވެސް ހަމަ ވީ ގޮތެވެ.
މައުމޫނާ ޔަކީ އަހަރެން ލޮލުން ބޮލުން އެދިގެން ކައިވެނި ކުރި ހަޔާތުގެ ބައިވެރިޔާ އެވެ. މައިން ބަފައިންނާ ތިމާގެ މީހުންގެ އިތުރު ރައްޓެހިންނާ ގާތް މީހުންވެސް މައުމޫނާޔާ ގަޔާ ވަނީ މާ ބޮޑަކަށެވެ. ޢުމުރުގެ އެހާ ކުރީގައި މިކައިވެނި ވުމުގެ އެންމެ ބޮޑު ސިއްރަކީ އެއީ ކަމުގައި ވެސް ބުނެވިދާނެއެވެ.
މައުމޫނާޔަކީ ދުނިޔެ ރަނގަޅަށް ދެނެހުރި އަންހެނެކެވެ. ޙަގީ ގަތަށް ބުނާ ކަމަށް ވަންޏާ ދެމީހުން ކައިވެނި ކުރިއިރު އަހަންނަށް ލިޔަން ކިޔާކަށް ވެސް ނޭނގެއެވެ. ގޭދޮރުގެ ހާލަތު ހުރި ގޮތް އެންމެ ބޮޑަށް ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ. އެއްފަރާތުން ވަންނަ ކާޅު އަނެއް ފަރާތުން ނިކުމެގެން ދަނީ ހޭވެސް އަހާ ނުލައެވެ. އަހަރެންގެ ސިއަހަތުގެ ވާހަކަ ވެސް ރަނގަޅީ ނުދެއްކިއްޔާއެވެ. ދެއަތަށް ދެނޭވާއަޅައަޅައި ނުހުންނަ ދުވަހެއް މަދުވާނެއެވެ. ބަދިގެގައި ރޯފިލުވާނެއެއްޗެއް ލިބެނީ މަދު ފަހަރަކުއެވެ.
އަހަރެން ހުރީ ކުޑަކޮށް ހިތް ނުތަނަވަސް ވެސް ވެފައެވެ. އެހެންސް މައުމޫނާ ބުނީ އެއިން އެއްވެސް ކަމަކީ އޭނާ އެހާ ކަން ބޮޑުވާ ކަންތަކެއް ނޫން ކަމުގައެވެ. ކޮންމެ ކަމަކަށް ވެސް ހައްލެއް އޮންނަނެޔޭ ބުނަމުން މައުމޫނާ މިސާލު ޖެހީ ކޮންމެ ބައްޔަކަށް ބޭހެއް އޮންނާ ނެޔޭ ބުނަމުންނެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެބުނާހެން ކޮންމެ ބައްޔަކަށް ފަރުވާ އެއް އޮންނަ ނަމަ އަހަރެން މިއުޅޭ ހާލުގައި ދުވާލަކު ދެއަތަށް ދެނޭވާ އަޅައަޅައި އުޅެން ޖެހުނީސް ހެއްޔެވެ. ކޮންމެއަކަސް އެއީ އަހަންނަށް ނުވިސްނޭ ވާހަކަ އެކެވެ. ހިތަށް އެރިއެވެ. އަޅާ ނުލާނީއެވެ. ހުރިހާ ކަމެއް ވެސް އަންހެނުންގެ އަތް މައްޗަށް ދޫކޮށްލާނީ އެވެ.
ކަންތައް ވީ އަހަރެން ހީ ވެސް ނުކުރާފަދަ ގޮތަކަށެވެ. އެންމެ ފުރަތަމަ ވެސް ދާން ޖެހުނީ އަސާސީ ކުލާހަށެވެ. ކިތަންމެ ލަދު ގަތަސް ފޮތް ބޮނޑި ހިފައިގެން އެ ކުލާހަށް ވެސް ދިޔައީމެވެ.ހާ ށަވިޔަންޏާ ނޫނާ ކިޔާފައި ކިޔަން ފެށި ލަވަޔާ އެކު އަހަރެން ނިންމާލީ އެތަކެއް ފާހަކާ ސަނަދު ތަކެއް ވެސް ހޯދާފައެވެ. ރަށުގައި ހުރި ހެލްތު ވާކަރު ގަތަށް ގެންގޮސްގެން ބޭސް ދީ އަހަރެންގެ ސިއްހަތު އެއިރު ހުރީ މުޅިން ރަނގަޅު ވެފައެވެ. ލިބެމުން ދިޔަތައުލީމާ އެކު ލިބެމުން ދިޔަ ފުރުސަތު ތަކުގައި ހިފައި ކުރެވުނު މަސައްކަތުގެ އެހީގައި އަހަރެމެންގެ ދިރި އުޅުން ދިޔައީ އަޑު ކިޔާފައި ކުރިޔަށެވެ. ގެދޮރުރާނައި ފާޚާނާ ހެދިއްޖެއެވެ. ގޭގައި ކުޑަ ވަރެއްގެ ވިޔަފާރި ގެޔެއް އަޅައިގެން ފެށި ވިޔަފާރިން ވަމުން ދިޔަ ނަފާޔާ އެކު ޖެހިގެން އޮތް ފަޅު ރަށް ގަނެގެން އެރަށުގައި ރިސޯޓެއް ވެސް ހަދައިފީމެވެ.
އަހަރެމެން ގެ ދިރި އުޅުން ކުރިއަރަމުން ދިޔަގޮތް ފެނިފައި އަވަށްޓެރިން ވެސް ތިބެނީ ހަސަދަ ވެރި ވެފަޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް އުފަލުގައި އަހަރެމެންގެ ދިރިއުޅުން ކުރިޔަށް ދިޔައެވެ.
އަހަރެމެންގެ މި އުފާވެރި ދިރިއުޅުމަށް ހިޔޔަނި އެޅުނީ މަތީ ތައުލީމު ހާސިލު ކުރުމަށް އަހަރެން އިނގިރޭސި ވިލަތަށް ދިޔަ ހިސާބުންނެވެ.
ނަޝީދާޔާ ބައްދަލުވީ އިނގިރޭސި ވިލާތުގެ ލިވަޕޫލުންނެވެ. ދެމީހުންގެ ޚިޔާލު އުޑާ ބިމާހާ ތަފާތުވިޔަސް ނަޝީދާޔަކީ ޗާލާކީ ގޮތެއްހުންނަ މީހެކެވެ. ހިތްކިޔާކަހަލަ މާބޮޑުގޮތެއް ނެތް ކަމުގައިވިޔަސް މައުމޫނާޔާ ބެހޭގޮތުން އޭނަ ދައްކާ ވާހަކަ އެއީ ހަގީގަތޭ ހީވާން ފެށިއެވެ.
ނަޝީދާޔަކީ ޖަލުން ނިކުމެގެން އައި ކުއްޖެއް ކަމުގައި ވިޔަސް އޭނަގެ ބަސްމަގާ ވާހަކަ ހުންނަ ގޮތުން ރައްޓެހިންގެ ތެރެއިން ގިނަބަޔަކު އޭނަގެ ކޮޅަށް ދިޔައީ ލެނބެމުންނެވެ.
އޭނާ އަހަރެންގެ ކައިރީ ބުންޏެވެ. ޒަމާން މިއޮތީ ބަދަލުވެފައެވެ. އަދިވެސް ހަމަ އެ މުސްކުޅިގަނޑާ އިނދެގެން އުޅޭނީ ހެއްޔެވެ. އޭނާގެ ކިބައިގައި ހުރީ ރަނގަޅު ކޮން ސިފައެއް ހެއްޔެވެ. މިޒަމާނުގެ ގޮތަށް ކަމެއް ކޮށް ދޭކަށް އޭނާޔަކަށް ނޭނގޭނެއެވެ. ނިކަން އަހަންނާ އިނދެ ބަލާށެވެ. މިހާރު ތި ކިޔަވަނީ އަމިއްލަޔަށް މަސައްކަތް ކޮށްގެން ނޫންހެއްޔެވެ. އޭރުން ޔުނިވަރސިޓީ އަށް ލޯ ލާރިއެއް ވެސް ދޭކަށް ނުޖެހޭނެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ގިނަ ވެރީންނަކީ އަހަރެން ދަންނަ އަހަންނަށް ހެޔޮ އެދޭ މީހުންނެވެ. މޫނު މަތީގައި ތިހިރަ ތިހިރަ ރޫތައް ފިލުވަން ބޮޓޮކްސް ޖަހާކަށް ރާއްޖެއިން ބޭރަށް ދާކަށް ނުޖެހޭނެ ވާހަކަޔާއި އާއިލާ ބޮޑު ވުމުގެ ސަބަބުން ފުރިފައިވާ ގޭގައި އަލުން ޖާގަ އިތުރު ކުރާނޭ ގޮތް ވެސް އޭނާޔަށް އެނގޭ ކަމުގައި ބުނަމުން ނަޝީދާ ބުނީ ރާއްޖޭގެ އެތަން މިތާގައި ތިބި އަހަރެންގެ ރައްޓެހިންނާ ބޭނުން އިރަކު ބައްދަލުކޮށް ލެވޭނެ ކަހަލަ ދަތުރު ފަތުރުގެ ވަސީލަތެއްވެސް ހޯދައިދޭނެ ކމުގައެވެ. އަހަރެންގެ ހިތަށް އައީ ހޯވަރ ކްރާފްޓް ގެ މަތިންނެވެ. އެހެނަސް އޭގައި ދަތުރު ކުރާއިރުވެސް ހޮޑުލަވަ ގޮތް ވާހަނދާން ވިއެވެ. އަނެއްކާ އެބުނަނީ ޖޭމްސް ބޮންޑް ގެ ފިލްމެއްގައި ދުއްވަނި ކޮށް ކުރީ ދުވަހަކު ފެނުނު ފަދަ އެއްގަމާ ކަނުގައި ދުއްވޭ ފަދަ ވެހިކަލެއްގެ ވާހަކަ ބާވައޭ ހިތަށް އެރިއެވެ. އޭނާގެ ވާހަކަޔަށް ގެއްލިފައި ހުއްޓާ އެންމެ ފަހުން ބުނެލީ މިހާރު އަހަރެން ގެ ދިރިއުޅުން ބަދަލަކަށް ބޭނުން ވެފައި ވާކަމުގައެވެ.
ބަދަލަކާ ދޭތެރޭ އަހަރެން ވިސްނަން ފެށީ އެހިސާބުންނެވެ.
މިވާހަކަ އަހާފައި މައުމޫނާހުރީ އާޝޯޚުވެފައެވެ. ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގި އަނގަ ހުޅުވިފައެވެ. ފާޑު ފާޑުގެ ބަހަނާ ތައް ދެއްކިއެވެ. ދެމީހުން އެކުގައި އުޅެވުނު ހާ ދުވަސްތަކާއި ކުރެވުނު ހިތް ގައިމު ދަތުރު ތަކުގެ މަތިން ވެސް ހަނދާން ކޮށް ދިނެވެ. އެހެނަސް ނަޝީދާގެ ހިތްގައިމު ވާހަކަތަކަށް އެއިރު އަހަންނަށް ހުރެވުނީ މާ ބޮޑަށް ހެއްލެވިފައެވެ. އެންމެ ފަހުން މައުމޫނާ ނަޝީދާ ގާތުން އެދުނީ ދެ އަންބަތް އިންނާށެވެ. ދެމީހުންށް އެއްވަރަކަށް ހުރިހާ ހައްގެއްއޮންނާނެ ކަމަށާއި ބޭނުން ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނެ ކަމުގައި ވެސް ބުންޏެވެ. ނަމަވެސް ނަޝީދާ ބުނީ ބަތްތަށީގެ އެއް ފަޅިން ކާން ބޭނުން ވާނީ ކާކު ހެއްޔޭ އެވެ. އޭރު ނަޝީދާ ވަނީ ރައްޓެހިންނާ ގާތްތިމާގެ މީހުންނާ ދަރިންގެ ވެސް ރުހުން ހޯދައިފައެވެ. އެހެން ކަމުން ކިތަންމެ ހިތް ބިރު ގަތެއް ކަމަކު ލޯމަރާލައިފައި ވެސް ނަޝީދާ ގާތު އާނއެކޭ ބުނީމެވެ.
ކައިވެނީގެ ރަސްމިއްޔާތު ވަރަށް ވެސް ކުލަގަދައެވެ. ބޭރު ގައުމު ތަކުން ވެސް ރައްޓެހިންނާއި ހެޔޮ އެދޭ މީހުން އައެވެ. މާބޮނޑިތަކާ ހަދިޔާތައް އޮތީ ފުނިޖެހިފައެވެ.
ހަނީ މޫނުގެ ދުވަސް ވަރު ދިޔައީ ވަރަށް ވެސް އުފަލުގައެވެ. ހިތް ނުތަނަވަސްވެ ކަން ބޮޑުވާން ފެށީ ކައިވެނީގެ ކުރިން ދެއްކި ހުވަފެންތައް ބިލާހަކަށް ވެދާނެހެން ހީވާން ފެށި ހިސާބުންނެވެ. ބޮޑު ޢާއިލާ އުލެން އޮތް ގޭގެ ޖާގައިގެ ދަތިކަން ފިލުވައިލާނެ ގޮތަކާ މެދު މިހާރު ނަޝީދާ ދައްކަނީ ބިރުން ފިތް ކަނޑައިގެން ދާ ފަދަ ާވާހަކައެކެވެ. ގޭގެ ރަޖިސްޓަރީ އޭނަޔަށް ދޭން ވީއެވެ.އެއިރުން ބުރި ބުރިޔަށް އެތާނގައި ޢިމާރާތެއް ހަދާނެ ވާހަކަ ބުނެއެވެ. އހެނަސް އެފަދަ މޮޔަކަމެއް ކުރާކަށް ހިތެއް ނެދެއެވެ. ކަން މިހިސާބުގައި އޮތްވާ މިހާރު އެބުނަނީ ބައެއް ކުދިން ގެއިން ބޭރު ކޮށްލާ ވާހަކަ އެވެ. އަނެއްބައިކުދިންގެ ޕޮކެޓް މަނީ ކޮޅުން ބައެއް ކަނޑާލާ ވާހަކައެވެ. ދަތުރު ފަތުރުގެ ވަހަޔާ މެދު އަދި އޮތީ މާ މޮޅު ހައްލެކެވެ. ޖެމްސް ބޮންޑްގެ ފިލްމުގައި ގެންގުޅޭ ކަހަލަ އުޅަނދެއް ލިބޭނެ ކަމަށް ހުއްޓާ އެންމެ ފަހުން ލިބުނީ ކުޑަކުޑަ ބޮއްކުރައެކެވެ. އެވެސް ފަންސާސް އަހަރަށް ކުއްޔަށް ހިފާފައެވެ.
ހިތަށް އަރައެވެ. ދިރި އުޅުމަށް މިގެނެވުނީ ކޮންފަދަ ބަދަލެއް ބާވައެވެ. ތިރީސް އަހަރު ވަންދެން ލޯބިން ގެނގުޅުނު އަނބި މީހާ ދުކޮށް ލައިފައި ޒަމާނީ ހެޔޮ ބަދަލަކަށް ބޭނުން ވެގެން ގެނައި ބަދަލުގެ އަގަކީ މިއީ ބާވައެވެ. އެންމެ 8 މަސް ދުވަހުގެ ތެރޭގައި މިއަދު މިވަނީ އަތްމަތި ހުސްވެ ބިކަ ވެފައެވެ. ވާނެ ކަމަށް ދެއްކި އެއްވެސް ހުވަފެނަކުން ފާޅުވި ކުލައެއް ނެތެވެ. ތިރީސް އަހަރަށް ފަހު ގެނައި ހެޔޮ ބަދަލުގެ އަގަކީ މިއީ ކަމުގައި ވާނަމަ މިއަގު ދައްކަން ކުޅދާނަ ވާނީ ކިހާ ދުވަހަކަށް ބާވައެވެ.