All About Maldives

whats happening here

އިއްޔެ އާއި މިއަދާއި މާދަމާ

Posted by allaboutmaldives on July 29, 2009

މަގުމަތިން އިވެމުން ދިޔަ އަޑުފަށް ގަނޑެއްގެ ތެރެއިން އިވެމުން ދިޔަ އެއް އަޑަކީ “ނާސިރަށް ބޮޑު ބޮޅެކޭ ނާސިރަށް” މި އަންބާ އެވެ. ގޭގެ ފެންޑާގައި ހުރެ މަގު މައްޗާ ދިމާޔަށް ބަލައިލީމެވެ. ބޮޑު ގާޑިޔާ އެއްގައި ނާސިރު ސިފަކޮށް ދޭ ގޮތަށް މީހަކު ހެދުން އަޅުވައިގެން އޭނަޔަށް ތަޅާ އަދަބު ދޭކަމުގައި ދޭހަވާ ކަހަލަ ރޯލް ޕލޭއެއް ކުޅެމުން މަގުމަތިން މަޑުމަޑުން ދިޔަ ގާޑިޔަލެކެވެ. ގާޑިޔާގެ ވަށައިގެން އެކި ފުރާގެ މީހުން ޖަމާވެ ތިބެގެން ކުރިން ބުނި ފަދަ އަންބާކިޔަމުން މަޑު މަޑުން އޮވެ ދެއެވެ. ކިތަންމެ ދާހިތް ވިޔަސް ބައްޕަ ފެންޑާގެ އުނދޯލީގައި އަވަށްޓެރިޔަކާ ވާހަކަ ދައްކަން ހުރުމުން ނުކުމެގެން ގާޑީޔާ ކައިރިޔަކަށް ދާކަށް ނުކެރުނެވެ. އެވަގުތު ބައްޕަ ޖެހިގެން ހުރި މީހާ ގާތުގައި ބުނެލިއެވެ.

“ދުނިޔެގައި ތިބި ބަޔަކަށް ތީގެ އަނެއްކޮޅު އަދި ފެންނާނެއެވެ.” އެއީ ނާސިރަށް ނިސްބަތް ކޮށް މީހުން ގޮވަމުން ދިޔަ އެއްޗެއްސާ ބެހޭ ގޮތުން  ބުނި އެއްޗެއް ކަން އެނގޭތީ އަހަރެން ހުރީ ހިތް ހަމަ ނުޖެހިފައެވެ. ހިތަށް އެރިއެވެ. ރާއްޖެ ބަނޑުއަޅާލައިގެން ދިޔަ މީހަކަށް މަދަހަ ކިޔާނެ ދުވަހެއް އަންނާނެ ކަމަށް ބައްޕަޔަށް ހީވަނީ ހެއްޔެވެ.

“އިހަކަށް ދުވަހު އަމީނު ދީދީޔަށް ހެދި ގޮތް ވެސް އަހަރެމެން ދުށީމެވެ. މިއަދު އެވަރުގެ މީހަކު ނެތެވެ.” ބައްޕަގެ ވާހަކަޔަށް އިތުރު ހެކި ދެއްކުމުގެ ގޮތުން މިބުނި ޖުމްލަޔަކީޖެހިގެން ހުރިމީހާވެސް އެޔަށް ސަޕޯޓް ކުރި ވާހަކައެކެވެ. އެވާހަކަ އަހަން އަހަންނަށް އެހާ ފަސޭހަ ނުވީ ނާސިރުގެ އަނިޔާ ވެރި ކަމާ ރާއްޖެޔަށް ވެފައި ވާ ޚިޔާނަތުގެ ވާހަކަ އަބަދު ރޭޑިޔޯއިން އިވި އެކަން އަހަންނަށް ގަބޫލުކުރެވިފައި ވާތީއެވެ.

އެއިގެ އަހަރު ތަކެއް ފަހެވެ. ދިވެހި ރާއްޖެގެ ރައީސުލް ޖުމުހޫރިއްޔާ މިނިވަންދުވަހު ގައުމާ މުޚާތަބު ކުރައްވާ އެވިދާޅުވީ ދިވެހި ގައުމުގެ މިނިވަން ކަމުގެ ބާނީއަކީ ނާސިރު ކަމަށާއި ނާސިރާ މެދު ކަން ތައް ވެފައި ވަނީ ވަރަށް އިހާނެތި ކޮށް ކަމުގައެވެ.ސަރުކާރަށް ތާއީދު ކުރާ ގިނަބަޔަކު ދެކޭ ގޮތުގައި މައުމޫނުގެ ސަރުކާރުން ނާސިރަށް ފުރައްސާރަ ކޮށް ގައުމުން ބޭރު ކޮށްލީއެވެ. އަދި އެނބުރި ރާއްޖެ އާދެވޭނެ މަގު ބަންދު ކުރީއެވެ.

ހަމަ މިޔާ އެކު އެކީ ހެން ރައީސުލް ޖުމްހޫރިއްޔާގެ ދޫފުޅުން ނިކުންނަ އަޑު އިވެނީ ގައުމުގެ ޚިޔާނާތްތެރީންނަށް އަދަބު ދެއްވާނެ ވާހަކަޔާއި އެމީހުނަށް ބާރު ދައްކަވާލައްވާނެ ކަމުގައެވެ. މައުމޫނަށް ނިސްބަތް ކުރައްވައި ވިދާޅުވަނީ އެމަނިކުފާނު ރަނގަޅަށް “ސައިޒަށް ތިރިކުރައްވާނެ” ކަމުގައެވެ. މި އަޑުތަކަށް ކަންފަތް ސީދާކޮށްލައިފައި ފުންކޮށް ވިސްނާލުމުން ހިތަށް ވަންނަނީ ކުރީދުވްހު ބައްޕަ ބުނި ބަހެވެ. ދިރި ތިބި ބަޔަކަށް މީގެ އަނެއް ކޮޅު ވެސަ ފެންނާނެއެވެ.

ތެދެކެވެ. ނާސިރަށް ސަޕޯޓް ކޮށް މަދަހަ ކިޔާ އަޑު އިވޭކަށް ބައްޕައެއް މިދަކު ދުނިޔޭގައެއް ނެތެވެ. އެ އަޑު އިވެނީ އަހަރެމެންނަށެވެ. ހިތަށް އަރަނީ މީގެ އަނެއް ކޮޅު ފެންނާނީ އަހެރެންގެ ދަރީންނަށް ބާވައެވެ. އެދުވަހަކުން މިއަދުގެ ރައީސް ނަޝީދަށް ރައްދު ކުރެވޭނީ ކޮންފަދަ ބަސްތަކެއް ކަމެއް ޚިޔާލު ކޮށްލަން ނޭނގުނަސް އެނގޭ ހަގީގަތަކީ ދިވެހިންނަށް އަލަށް ލިބުނު ޑިމޮކްރެޓިކް ނިޒާމާ އެކު ކުރިން ކުރި ހުރިހާ ދޯދިޔާ ކަންތައް ހުއްޓާ ލަން ޖެހޭނެ ކަމެވެ.    ދިވެހިން ބަދަލެއް ގެނައީ ކުރިން އޮތް ނިޒާމު ކަމުނުދާތީއެވެ. ސުވާލަކީ އެކަން ދެނެގަންނަން މިއަދުގެ ސަރުކާރަށް ކިހާ ދުވަހެއް ނަގާނެ ބާވައެވެ. ނުވަތަ ނޭނގޭމީހަކަށް ހަމަނޭނގޭނީ ބާވައެވެ.

One Response to “އިއްޔެ އާއި މިއަދާއި މާދަމާ”

  1. އައިޝަތު said

    ސަމީރުއެވެ. ބްލޮގްގެ ނަންވެސް ދިވެހިން ލިޔެފައި އޮތިއްޔާ މާރަނގަޅުވާނއެވެ.

    މައުމޫނުގެ ޚުދު މުޚުތާރު ވެރިކަން އިންތިހާޔަށް ދިގުވެގެން ދިޔމުނގެ ސަބަބުބް ސަމީރުގެ ބައްޕަޔަށް އެހެން ވެރިކަމެއް ނުފެނުނު ކަމުގައި ވިޔަސް އަޅުގަޑު އުއްމީދުކުރަނީ ސަމީރަށް ނަޝީދުގެ ވެރިކަން ނޫން އިތުރު ވެރިކަން ވެސް ރާއްޖެއިން ފެންނާނެ ކަމަށެވެ. ނަޝީދުމެންގެ މަސައްކަތުން އެކަން ވަނީ ޙާސިލުކުރެވިފައެވެ.

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <pre> <del datetime=""> <em> <i> <q cite=""> <strike> <strong>